3 ގައުމަކަށް ފޮނުވި 1218 ކެއާ ޕެކޭޖު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުްނ ބުނެފިއެވެ.

އަވައްޓެރި ގައުމުތައް ލޮކްޑައުންގެ ހާލަތަށް ގޮސް، އެގައުމުތަކުގައި ތިބި ދިވެހިންނަށް ސަރުކާރުގެ ހަރަދުގައި ކެއާ ޕެކޭޖު ފޮނުވާފައި ވަނީ، ކޮވިޑް-19ގެ ސަބަބުންނެވެ. އެގޮތުން ލަންކާގެ ކޮލޮމްބޯއަށް 622 ކެއާ ޕެކޭޖު ފޮނުވާފައި ވާއިރު، މެލޭޝިއަގެ ކުއާލާލަމްޕޫރަށް 452 އަދި އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިނަށް 144 ކެއާ ޕެކޭޖު ވަނީ ފޮނުވަފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮލޮމްބޯއަށް ފޮނުވި 622 ކެއާ ޕެކޭޖުގެ ތެރެއިން 500 ކެއާ ޕެކޭޖު މިހާރު އޭގެ ވެރިފަރާތާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށާއި، ބަކީ ހުރި 122 ޕެކޭޖު މިއަދާއި މާދަމާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިންޑިއާއަށް ފޮނުވި 144 ކެއާ ޕެކޭޖު ކަސްޓަމުން ކްލިއާ ވެގެން އިއްޔެ ކޮންސިއުލޭޓަށް ލިބިފައިވާ ކަމަށާއި އެ ޕެކޭޖުތައް ޑެލިވާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ކުއާލާލަމްޕޫރަށް ފޮނުވި 452 ކެއާ ޕެކޭޖުގެ ތެރެއިން 65 ޕެކޭޖު އޭގެ ވެރި ފަރާތަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބާކީ ހުރި 387 ކެއާ ޕެކޭޖު މި ހަފްތާގައި ފޯރުކޮށްދޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ، މި ޕެކޭޖުތައް ލިބުނީ ހަފްތާ ބަންދުގައު ކަމަށް ވުމާއެކު ޑެލިވާ ކުރުމުގައި ލަފާ ކުރި ވަގުތަށް ވުރެ ގިނަ ވަގުތު ނަގާ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، މި ހުރިހާ ސިޓީތަކަކީ ވެސް ލޮކްޑައުންގެ ހާލަތުގައި ތިބި ތަންތަން ކަމަށެވެ. އަދި އެ ސިޓީތަކުގެ ޑިޕްލޮމެޓިކް މިޝަންތަކުން ދަނީ ވީހާ އަވަހަކަށް ކެއާ ޕެކޭޖުތައް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.