މިއަހަރު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގާނޫނުގައި ބުނާ މުއްދަތަކަށް ބޭއްވޭކަށް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމި ނަމަވެސް، ދުނިޔޭގެ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އިއުލާން ކޮށްފައިވާ އާންމު ސިއްހައްތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށެވެ.

މީގެއިތުރަށް އިލެކްޝަންސް ކޮމިޝަނުން ބުނީ ސަރުކާރުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމް ވުމާއެކު، ނުވަތަ އެކަމުގައި އަމަލުކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން އެ ކޮމިޝަނުން އިތުރަށް ކަނޑައަޅާނެ ގޮތެއް އިއުލާން ކުރާނެ ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް އިލެކްޝަނުން ނިންމިއިރު އެކަމަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ވަނީ ހާއްސަ ބިލެއް އެކުލަވާލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.