ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަރުވާކުޑަވެގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަސޭހަތްދީފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްްމަދު ލަތީފް ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ސަލާމްބުނާ ކަމަށް ބުނެ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ޝަކުވާއާ ގުޅިގެން އަހްމަދު ލަތީފާމެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ، އޭނާއަށް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީއެވެ. އެގޮތުން، އޭނާއަށް ނަސޭހަތްދީ، އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ހަސަން ލަތީފް ހިލާފުވެފައި ވަނީ ގާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) އާއި 32 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާގެ (ށ) އަދި 65 ވަނަ މާއްދާއާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ސ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުފެ 2.2، 3.2 އަދި 6.5 އާ ވެސް ހަސަން ލަތީފް ހިލާފް ވެފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ބުނީ، އޭނާއާ މެދު ފިޔަވަޅު އަޅާފައި ވަނީ ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދޫގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.