މެލޭޝިއާގަިއ ތިބި ދިވެހިން ރާއްޖެ ގެނައުމަށް ބޭއްވި ރެސްކިއު ފްލައިޓުން ސަރުކާރުގެ މަތީ މަގާމެއްގެ ކޮންމެވެސް ފަރާތެއްގެ އާއިލާއަށް ޖާގަ ލިބިދާނެ ކަމަށާއި، އެކަން އެގޮތަށް ހިނގި ނަމަ އެއީ އިއްތިފާގެއް ކަމަށް ކޮވިޑް-19ގެ މަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ، ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިއާ ސުވާލު ކުރީ، ކޮވިޑް-19ގެ ސަބަބުން މެލޭޝިއާގައި ތާށިވެފައި ތިބި ދިވެހިންތަކެއް ރެސްކިއު ފްލައިޓެއްގައި ރާއްޖެ ގެނެސްފައި ވާއިރު، އެ ފްލައިޓުގައި ތިބި މީހުންގެ ލިސްޓުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އާއިލާ އޮތުމަކީ އިއްތިފާގެއްތޯ އަހައެވެ.

ޖަވާބުގައި މަބްރޫކް ވިދާޅުވީ، ސޯޝަލް މީޑިއާގައި ފެތުރެމުން ދަނީ ސައްހަ، ރަނގަޅު ލިސްޓްތޯ ބުނަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް ލިސްޓެއް އުޅޭކަން އެނގިވަޑައިގެން ފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ، އެންއީއޯސީގެ ވިސްނުން ހުރީ ކޮންމެ ކަމެއްގެ ވެސް މައުލޫމާތު ސާފުކޮށް ކިޔައިދިނުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ މަތީ މަގާމެއްގެ ކޮންމެވެސް ފަރާތެއްގެ އާއިލީ މީހަކު މެލޭޝިއާގެ ފްލައިޓުން ރާއްޖެ އައިސްފައި ވެދާނެ ކަމުގެ އިއްތިފާގު އޮވެދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އުސޫލު އޮތީ ސާފުކޮށް ކިޔައި ދީފައި ކަމަށާއި، މަސައްކަތް ކުރަމުން ގެންދާނީ އެ އުސޫލަށް ކަމަށެވެ. އަދި މިފަދަ ހައްސާސް ވަގުތެއްގައި ނުފޫޒެއް ނުވަތަ ބާރެއް ބޭނުން ކޮށްގެން ވަކި ގޮތަކަށް ތިމާ ދަންނަ މީހަކަށް ޓިކެޓެއް ހޯދައި ދޭން އުޅުމަކީ މުޑުދާރު ހަޑި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނުފޫޒު ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، މިކަމާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް މަބްރޫކް ވަނީ ގޮވާލައްވާފައެވެ. މިކަމާ ބެހޭ ސައްހަ މައުލޫމާތު ހޯދުމަށް ފަހު ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހެޅުމަށް ގޮވާލައްވައި މަބްރޫކް ވަނީ އެގޮތަށް ކުރާ ކަމަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

ހޯމް މިނިސްޓަރުގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ އާއިލާއަށް ވެސް މި ފްލައިޓުން ޖާގަ ދީފައިވާ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

މެލޭޝިއާ އަށް ހަމަޖެއްސި ރެސްކިއު ފްލައިޓުން ޖާގަ ހޯދުމަށްޓަކައި އެތައް ބަޔަކު މުޅި ރޭ މަސައްކަތް ކޮށްގެން ވެސް ވަނީ ޖާގަ ލިބޭ ގޮތް ނުވެފައެވެ. އެގޮތުން މޯލްޑިވިއަންގެ ފޯނަށް މިނެޓަކު 2000 ކޯލް އަދި ވެބްސައިޓަށް ސިކުންތަކު 100 މީހުން ވަންނަމުން ދިޔަ ކަމަށް އޭރު މޯލްޑިވިއަނުން ވަނީ މައުލޫމާތު ދީފައެވެ. މި ފްލައިޓުން ޖާގަ ހޯދުމަށް ގުޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވިއަނާއި ކަނެކްޓްވި ފަރާތްތަކަށް ވަގުތުން ޓިކެޓް އިޝޫ ކުރަމުން ދިޔައިރު، ކަނެކްޓް ވި 200 މީހަކަށް ވަނީ ފްލައިޓުން ޖާގަ ދީފައެވެ.