ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާ އަދި ޕާކިސްތާނު ހިއްސާކުރާ ކަޝްމީރުގެ ބޯޑަރުގައި އޮންނަ އަސްކަރީ ކޮންޓްރޯލް ސަރަހައްދު ނުވަތަ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ހިންގި ހަމަލާ ބަދަލު ކުރުންތަކުގައި، އިންޑިއާގެ އާންމު ރައްޔިތުންގެ 3 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާ ފުލުހުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާއިން ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން ފޮނުވާލި ހަމަލާތައް އަމާޒުވީ، ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ކުޕްވާރާއޭ ކިއުނު ސަރަހައްދުގައި އާންމުން ދިރިއުޅެމުންދިޔަ ގެތަކަކަށް ކަމަށެވެ.

2003 ވަނަ އަހަރު އެކުލަވާލި ހަމަލާ ބަދަލުކުރުން މަނާ ކުރާ އެއްބަސްވުމުގެ ރޫހާ ހިލާފާސް އިންޑިއާ އަދި ޕާކިސްތާނުން އިއްޔެ ހަމަލާ ބަދަލުކޮށްފައިވަނީ، ދެ ފަރާތުގައިވެސް އާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުތަކަށް އަމާޒުކޮށް ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ޝްރީ ރާމް އަމްބަރުކާރު ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ ހަމަލާތަކުގައި މަރުވި އާންމުންގެ 3 މީހުންގެ ތެރޭގައި އަންހެނަކާ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި މި ހަމަލާތަކުގައި ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގެ ޕާކިސްތާނާ ވީ ފަޅީގައި ޕާކިސްތާނު އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: އަންޖުމް ނަވީދު

މިދިޔަ ހުކުރު ދުވަހުއްސުރެ ފެށިގެން ޕާކިސްތާނު އަސްކަރިއްޔާއިން ދަނީ، އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާ ބަދަލުކުރުން މަނާ ކުރާ އެއްބަސްވުމާ ހިލާފުވާކަމުގެ ތުހުމަތުތައް ފެންމަތިކުރަމުންނެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް، ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއިން ހަމަލާ ދީފައިވާކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފައެވެ.

ކަޝްމީރު ބައިކޮށް ދެ ފަރާތުގައި ދެ ގައުމުން ވެރިކަން ކުރަމުންދާއިރު، އިންޑިއާ އަދި ޕާކިސްތާނުންވެސް ދަނީ ކަޝްމީރުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާކޮށް، ވަކާލާތު ކުރަމުންނެވެ. މި ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި، 1947 ވަނަ އަހަރުން ފެށިގެން އިންޑިއާ އަދި ޕާކިސްތާނުންވަނީ 3 ހަނގުރާމައެއްވެސް ކޮށްފައެވެ.