މުދާ އުފުލާ ބޯޓެއް ގދ. ވާދޫ ކައިރީގައި އޮތް ތިލައަކަށް އަރައިފިއެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، "އެޑަމް 60" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ގދ. ވާދޫ ކައިރީ އޮތް ތިލައަކަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:40 ހާއިރު ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.

"އެޑަމް 60" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް / ފޮޓޯ: އެމްއެންޑީއެފް

މި ބޯޓުގައި، ޖުމްލް ފަސް މީހަކު ހުރި އިރު، އެއީ ދިވެއްސަކާއި 4 ބިދޭސީން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނީ، މި ދޯނި ދަތުރުކުރީ، ގދ. ފަރެސްމާތޮޑާއިން ފުރައިގެން ގއ. ނިލަންދޫއަށް ކަމަށެވެ.

މި ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

މުދޫ އުފުލާ ބޯޓެއް ތިލައަކަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާއިރު، އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ ރޭ އިރާކޮޅު އިލްތިމާސް ކޮށްފައެވެ.

އެ ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށް ކަމަށާއި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެ އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑު ބާޖެކެވެ.