މެލޭޝިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދިވެއްސެއް ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށް އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.
އެ ގައުމުގެ ހައިކޮމިޝަނުން ރޭ ބުނެފައި ވަނީ މެލޭޝިއާގެ ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓެއްގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޮތުމުން ހައިކޮމިޝަނުން އެކަން ބަލާފައިވާ ކަމަށާއި އެގޮތުން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ކަށަވަރު ކޮށްދީފައި ކަމަށެވެ. ނަމަވެސް އޭނާ ޕޮޒިޓީވް ވީ މެލޭޝިއާގެ ކޮން ސިޓީއަކުންކަން ސާފުވާ ގޮތެއް އަދި ނުވެއެވެ.
ކޮވިޑް-19އަށް އިއްޔެ ޕޮޒިޓިވެ ވެފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން އާއްމު ކުރި ލިސްޓުގައި 26 ގައުމެއްގެ މީހުންގެ ހިމެނެއެވެ.
މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވް ވެފައި ވާ ކަމަށް އެ ގައުމުން ބުނެފައި ވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
މަބްރޫކް ވިދާޅުވެފައި ވަނީ މިހާތަނަށް ލިބުނު ރަސްމީ މައުލޫމާތަށް ބަލާއިރު ޔޫއޭއީ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި އެ ގައުމުގެ ރަސްމީ ފަރާތްތަކުން ފޮނުވި ނަމަކީ އީސްޓާން ޔޫރަޕިއަން ގައުމެއްގެ ނަމެއް ކަމަށެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައި ވާއިރު މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން ދަނީ ޕޮޒިޓިވް ވި 4 ދިވެހިންނަށެވެ. އެ ހަތަރު ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެހިންނެވެ.
ދިވެއްސަކު މެލޭޝިއާއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް އެ ގައުމުން 4،119 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އޭގެތެރެއިން 65 މީހަކު މިހާތަނަށް ވަނީ އެގައުމުން މަރުވެފައެވެ. ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާއިން ވަނީ އެގަމުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައެވެ.