މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް އައްޑޫސިޓީ އަށާއި ފުވައްމުލައް ސިޓީއަށް އިތުރު ކުރަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މޫސާ ވަސީމް ވިދާޅުވީ، ކަރަންޓީން ފެސިލިޓީ ތަކުގައިއާއި ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ދޫކުރުމުން، އެމީހުންގެ ރަށަށް އެނބުރި ދިއުމުގެ ފުރުސަތު ލިބުމާއެކު މާދަމާއިން ފެށިގެން މޯލްޑިވިއަނުން ފުވައްމުލަކަށާއި އަދި އައްޑޫސިޓީއަށް ކުރަމުންދާ ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ. މީގެއިތުރުން މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަން އިން މިހާރު އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިންސް ތަކާއި އެއްގޮތަށް ކަމަށާއި، އެހެންކަމުން ކުރިއަށް އޮތްތާ މޯލްޑިވިއަންގެ ދަތުރުތައް ކުރާއިރު ޗެކިން ކުރުމުގެ ހުއްދަ ދޭނީ އެޗްޕީއޭ ގަރާރާއި އެއްގޮތަށް ކަމަށެވެ.
އަދި މޯލްޑިވިއަނުން ދަތުރުކުރާ ތަންތަނުން ދަތުރުކުރާއިރު ބޯޓުތެރޭގައި ނުވަތަ ދަތުރަށް ފެށުމުގެ ކުރިންވެސް އެ ފޯމްތައް ފުރޭނެ އިންތިޒާމުތަކެއް ހަމަޖައްސައި އެގޮތަށް އަމަލު ކުރެވޭނެކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް އައްޑޫސިޓީ އަށާއި ފުވައްމުލަކަށް އިތުރު ކުރަން އެ ކުންފުނިން ނިންމާފައިވާއިރު، ކޮވިޑް19 އާއި ގުޅިގެން ދިވެހި ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން މޯލްޑިވިއަންގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ކޮޗިން އިން ރާއްޖެ އަންނަން ބޭނުންވި 189 މީހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފައެވެ. މީގެއިތުރުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވީ 197 މީހަކު މިއަދު އަނބުރާ ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމުންވެސް ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަށް މިމަހުގެ 11 ވަނަ ދުވަހު ގެންނާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.