ކޮވިޑް-19 ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން ގޮސް 1.3 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެގެން ގޮސްފައިވާއިރު، ދުނިޔޭގެ އެކި އެކި ގައުމުތަކުން ދަނީ މި ބަލިން ރައްކާތެރިވެތިބުމަށް ސަލާމަތީގޮތުން ބޮޑެތޮ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ގިނަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައެވެ.

އެކި ގައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކުރުމާ ގުޅިގެން، އެގައުމުތަކުގައި ތިބި ދިވެހިން ވެސް ވަނީ ރާއްޖެއިން ބޭރުގައި ތާށިވެފައެވެ. މެލޭޝިއާ އަކީ މީގެ މިސާލެކެވެ. މެލޭޝިއާ ލޮކްޑައުން އަކާ ހަމައަށް ދިޔައިރު، މެލޭޝިއާގައި 4000 އަށްވުރެ ގިނަ ދިވެހިން ތިއްބެވެ. އޭގެ ތެރޭގައި މެލޭޝިއާއިން ރާއްޖެ ފުރުމަށް ހަމަޖެއްސި އެންމެފަހު ފްލައިޓް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި މީހުންނާއި، އެގައުމުގައި ދިރިއުޅޭ މީހުންގެ އިތުރުން އެކި ބޭނުމަށް އެގައުމަށް ޒިޔާރަތް ކޮށްފައިވާ މީހުން ވެސް ތިއްބެވެ.

މެލޝިއާ ލޮކްޑައުނަކަށް ދިޔަފަހުން، އެގައުމުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގުޅިގެން މިވަނީ "ރެސްކިއު ފްލައިޓް" އެއް ހަމަޖައްސާފައެވެ. ރެސްކިއު ފްލައިޓުން ޖާގަ ހޯދުމަށް ހުޅުވާލި ފުރުސަތުގައި 800 މީހުންގެ ޖާގަ ހޯދުމަށް އެދިފައިވާއިރު، މި ފްލައިޓަކީ 200 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.

ރެސްކިއު ފްލައިޓުތަކާ ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް މޯލްޑިވިއަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މީޑިއާ ކޯޑިނޭޓާ މޫސާ ވަސީމް ވިދާޅުވީ، މެލޭޝިއާ ފްލައިޓުން ޖާގަ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިކޮށް ކަމަށެވެ. ނަމަވެސް، ކަން ދިމާކުރި ގޮތުން މޯލްޑިވިއަންގެ ވެބްސައިޓް ޑައުންވެ، ބަޔަކު އެ ވެބްސައިޓަށް އެޓޭކް ކުރަމުން ގެންދިއުމާ ގުޅިގެން އެކުންފުނިން ނިންމީ، ފޯނުން ގުޅައިގެން ޓިކެޓު ދޫކުރުމުގެ މަސައްކަތް ކުރިއާށް ގެންދިއުމަށެވެ.

މެލޭޝިއާ ރެސްކިއު ފްލައިޓުން ޖާގަ ހޯދުމަށް އެގައުމުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކުން އަވަސްވެގަނެ، މުޅި ރޭ ހޭލާ ތިބެ ކުރި މަސައްކަތުން ވެސް ގިނަ ބަޔަކަށް ޓިކެޓު ލިބޭ ގޮތް ވަނީ ނުވެފައެވެ. އެންމެ ޓިކެޓަކަށް ހާހަކަށްވުރެ ގިނަ ފޯނު ކޯލުވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. ނަމަވެސް އެއްވެސް އަލިމަގެއް ނުފެނުމުގެ ސަބަބުން އެ ފަރާތްތަކުގެ ފާޑުކިއުމާ ނުރުހުން ވަނީ ސަރުކާރަށާއި މޯލްޑިވިއަނަށް އަމާޒުވެފައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މޫސާ ވިދާޅުވީ، ރޭ މޯލްޑިވިއަންގެ ސައިޓަށް ނުވަދެވޭ ކަމަށާއި، ކޯލް ސެންޓަރަށް ގުޅައިގެން ވެސް ފޯނަށް ވެސް ނުގުޅޭ ކަމަށް ބުނެ އާންމުން ދައްކަމުންދާ ވާހަކަތަކަކީ ތެދު ކަމަށެވެ. އެގޮތުން، ސިކުންތަކު، މޯލްޑިވިއަންގެ އެޕް އަދި ވެބްސައިޓަށް 100 އެއްހާ މީހުން ވަންނަން މަސައްކަތްކޮށްފައިވާއިރު، ކޮންމެ މިނިޓަކު ގާތްގަނޑަކަށް 2000 އެއްހާ ފޯނު ކޯލު ލިބެމުން ދިޔަ ކަމަށް މޫސާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، މި ފްލައިޓުން ޖާގަ ހޯދުމަށް ގުޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވިއަނާއި ކަނެކްޓްވި ފަރާތްތަކަށް ވަގުތުން ޓިކެޓް އިޝޫ ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން، 200 ޖާގަ ދީފައިވާނީ މިފަދައިން މޯލްޑިވިއަނާއި ކަނެކްޓްވި މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ، ޓިކެޓު ދޫކުރުމުގައި މައްސަލަތަކެއް ދިމާވި ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ސިސްޓަަމަށް އެޓޭކް ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް އެ އެއާލައިނުން މަސައްކަތް ކުރަމުން ދިޔައީ ދިވެހިންނަށް ގައުމީ ހިދުމަތެއް ކޮށްދިނުމަށް ކަމަށެވެ. އަދި އެ އެއާލައިނަށްވީ އެންމެ ރަނގަޅުކޮށް އެކަން އިންތިޒަމްކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ބައެއް ފަރާތްތަކުން އެ މަސައްކަތަށް ހުރަސް އެޅުމަށް އެޓޭކް ކުރަމުން ދިޔަ ކަމަށެވެ. މޫސާ ވިދާޅުވީ، އެއީ އެ ބަޔަކަށް މަޖާ ކަމެއް ކަމުގައި ހީކުރެވުނު ނަމަވެސް އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މޫސާ ވިދާޅުވީ، ސިސްޓަމަށް އެޓޭކް ކުރަމުން ގެންދިއުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިކުތުމުން، އެކަމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުނދަގޫވެ، އިތުރު ބުރައެއް އުފުލަން ޖެހުނީ މޯލްޑިވިއަންނުން ނޫން ކަމަށާއި، މެލޭޝިއާގައި ތިބި ދިވެހި ރައްޔިތުންނަށް ކަމަށެވެ.