މެލޭޝިއާއަށް ވެސް ކެއާ ޕެކޭޖު ފޮނުވޭ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު މެލޭޝިއާއަށް މޯލްޑިވިއަނުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި އެ ގައުމުގައި ތިބި ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. ދިވެހި އާއިލާތަކަށް ކެއާ ޕެކޭޖު ފޮނުވުމަށް ހަމަޖައްސަފައި ވަނީ ހިލޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ، ކެއާ ޕެކޭޖު ފޮނުވޭނެ އުސޫލު އާންމުކޮށްފައެވެ.

ކެއާ ޕެކޭޖު ފޮނުވުމާބެހޭ އުސޫލު:

  • ކާގޯގެ ގޮތުގައި ފޮނުވެނީ މެލޭޝިއާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި
  • ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި
  • ކާގޯގެ ގޮތުގައި، ބޭސް (ބޭސްސިޓީއާއެކު)، މަސްދަޅު ކޭސް، ނޫޑްލްސް ކޭސް، މަސް/ފަތް ޕެކެޓު ( ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ތަކެތި އަދި ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • ފައިސާ، ރޯމަސް، ހެދިކާ، މޭވާ، ތަރުކާރީ، ކިއްލި، ހަނޑޫ، ހަކުރު، ފުށް އަދި ސިނގިރެޓް ނުވަތަ ދުންފަތުގެ ބާވަތްތައް ކާގޯގެ ގޮތުގައި ނުފޮނުވޭނެ

އެ މިނިސްޓްރީން ބުނީ، ކެއާ ޕެކޭޖު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:30 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިކަމުގައި ހުށަހަޅަންޖެހޭ ފޯމު، އޮންލައިންކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ. އެ މިނިސްޓްރީން ބުނީ، ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ދެވޭނީ އެންމެ ފުރަތަމަ ފޯނު ހުށަހަޅާ 500 ފަރާތަށް ކަމަށެވެ.