މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލެވުނު ފުރުސަތުގައި މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީ ކޮށްފައިވާ ވާކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނީ، މިހާރު ކަންކަން ހަމަޖެހިފައިވާ ގޮތުން މި ފްލައިޓުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ބުކިން ހަދައިދިނުމާއި ޓިކެޓް ވިއްކުމުގެ ކަންކަން ހަމަޖައްސާނީ ސީދާ މޯލްޑިވިއަން އިން ކަމަށެވެ. އަދި މި ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން މޯލްޑިވިއަން އިން އެކަމަށް އިއުލާން ކުރުމުން ޓިކެޓް ނެގުމަށް ވަނީ ދަންނަވާފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން އިން ބުނީ މެލޭޝިއާއިން ދިވެހިން ގޮވައިގެން މޯލްޑިވިއަން އިން ފުރާނީ އަންނަ ބުދަ ދުވަހުކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 5 ކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށެވެ. އަދި މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލް ކޮށްފައިވަނީ މި މަހުގެ 8 ވަަނަ ދުވަހު ކަމަށާއި، މެލޭޝިއާ ގަޑިން ހެނދުނު 6 ޖަހާއިރު ފުރާނެ ކަމަށެވެ. ނަމަވެސް ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާގެ ސަރުކާރުންވަނީ އެ ގައުމު 14 އޭޕްރީލްއާއި ހަމައަށް ލޮކްޑައުން ކޮށްފައެވެ. އޭއާއެކު މެލޭޝިއާއިން ބޭރު ގައުމުތަކަށް ދަތުރުކުރުމާއި، އެހެން ގައުމުތަކުން މެލޭޝިއާއަށް ދަތުރު ކުރުން ވަނީ ހުއްޓުވާފައެވެ. މެލޭޝިއާގައި ވެސް ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލް ކުރުމަށް ދިރިއުޅޭއިރު، ކޮވިޑް19 އާއި ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ބޭނުންވަނީ އަނބުރާ ރާއްޖެ ދިއުމަށެވެ.

އެގޮތުން މިހާތަނަށްވެސް 800 އަށް ވުރެން ގިނަ ދިވެހިން ރާއްޖެ އަނބުރާ ދިއުމަށް ރަޖިސްޓްރީވެފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެއެވެ. ނަމަވެސް އޭގެތެރެއިން ރާއްޖެ އަނބުރާ ފޮނުވާލުމަށް އިސްކަންދޭނީ މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ރޭ ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވި 100އަށްވުރެ ގިނަ މީހުން އަނބުރާ ރާއްޖެ ގެނެސްދީފައެވެ. މީގެއިތުރުން މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ މީހުން ބަލާ މިއަދު ކޮޗިން އަށް މޯލްޑިވިއަންގެ ބޯޓެއް ދަތުރު ކުރާނެއެވެ.