ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ރިސޯޓް މުވައްޒަފުންނާ މެދު ގޮތް ކަނޑައަޅާނީ އެ ރިސޯޓަކުން ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތަކަށް ހަދާފައިވާ ރިސޯޓްތަކުގައި މިހާރުވެސް ހިންގަނީ ޑެއިލީ އޮޕަރޭޝަންސްތައް ކަމަށެވެ. އަދި އެމްޕްލޯއިމަންޓް ގާނޫނު އޮންނަ ގޮތުން، މުވައްޒަފުންނާމެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާނީ އެ ރިސޯޓަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޗުއްޓީއަށް ދާނީ ކޮން މުވައްޒަފުންނެއްތޯ އަދި ނުގޮސް، ރިސޯޓުގައި ތިބޭނީ ކޮންބައެއްތޯ ނިންމާނީ ރިސޯޓުން ކަމަށެވެ. އޭނާ ވަނީ، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ސްޓާފުންގެ ތެރެއިން މަދު ބަޔަކު ނޫނީ، އެތަނަށް ކަރަންޓީނު ކުރާ ފަރާތްތަކާ ކޮންޓެކްޓްވާން ނުޖެހޭކަން ވެސް ފާހަގަ ކުރައްވާފައެވެ.

ސަރުކާރުން ރިސޯޓްތަކަށް ފައިސާ ދައްކަނީ އެތަނުގައި ތިބޭ މީހުންގެ އަދަދަށް ބެލުމަށް ފަހު ކަމަށް ވާއިރު، ރިސޯޓުގައި ބައެއް އޮޕަރޭޝަންސް ހިންގައި ދިނުމުގައި ރިސޯޓުގެ ޒިންމާ އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އޮޕަރޭޝަންސްތައް ހިންގުމަށް މުވައްޒަފުން ބައިތިއްބާނީ ކިހާވަރަކަށްތޯ ނިންމާނީ ރިސޯޓުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތައް ނޫން ދެން ހުރި ރިސޯޓްތަކުން އަމަލުކުރަމުން ގެންދާނީ ކުރިން ވެސް އާންމުކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އެގޮތުން، ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްތެރޭގައި ރިސޯޓުން މުވައްޒަފުންނަށް ފޭބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.