ކޮންފާމް ފްލައިޓެއް ނެތި އެއްވެސް ރިސޯޓެއްގެ ބިދޭސީ މުވައްޒަފެއް އެއާޕޯޓަށް ނުފޮނުވުމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިހާރު ދުނިޔެއާ އި ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ގާނޫނާއި ހިލާފަސް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކކިކުރުމާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާކަމުގެ ޗަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރިސޯތުތަކުގައި ވަޒީފާއަދާކުރާ ރާއްޖެއިން ބޭރުގެ މުވައްޒަފުން އެމީހުންގެ ފްލައިޓް ކޮންފާމް ނުވަނީސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ގެންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ޝަކުވާތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމަށާއި، ކޮންފާމް ފްލައިޓެއް ނެތި އެއްވެސް މުވައްޒަފެއް އެއާޕޯޓަށް ނުފޮނުވުމަށެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ދެންނެވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު އެ މިނިސްޓްރީން ވަނީ، ގާނޫނާއި ގަވާއިދުތަކުގެ މަތީގައި ދެމިތިބެގެން ނަމޫނާ ދައްކަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މި ހާލަތުން އަރައިގަތުމަށްތަކައި ސަރުކާރާއި އިްނޑަސްތްރީ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19ގެ ހާލަތާ އެކު 50 ރިސޯޓު ބަންދުކޮށްފައިވާ އިރު ނޯޕޭގައި 11،000 އެއްހާ މުވައްޒަފުންނަށް ވަނީ ދާން ޖެހިފައެވެ. ހަމައެއާއެކު އެތައް މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލޭތީ އެކަމުގެ ޝާކުވާތައް ވެސް އަނަންި އެ މުވައްޒަފުން ކުރަމުންނެވެ. ދާދި ފަހުން ސަފާރީތަކުގެ މުވައްޒަފުން ވަނީ ވަޒީފާ ގެއްލޭތީ އެކަމުގެ ޝާކުވާތައް ކޮށް މުޒާހަރާއެއްވެސް ކޮށްފައެވެ.