އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއެސްސީ)ގެ ރިސެޕްޝަނާއި ކަސްޓަމާ ސާވިސް ކައުންޓަރު ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް، އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ ކުންފުނީގެ ރިސެޕްޝަނާއި ކަސްޓަމާ ސާވިސް ކައުންޓަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި ދުވަސްތަކުގައި ކަސްޓަމާ ސާވިސް ކައުންޓަރުން ދެނީ، ޗެކް މެދުވެރިކޮށް ފެން ބިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަރުންނަށް އެ ހިދުމަތް ކަމަށެވެ. އަދި ރިސެޕްޝަނުން، ސިޓީއާ އިންވޮއިސް އަދި އެހެނިހެން ލިޔެކިއުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް ހަމަޖެހިފައިވާ އުސޫލުން ޕޭމަންޓް ދޫކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ، މި ދުވަސްތަކުގައި އަތޮޅުތެރެގައި ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމާ ސާވިސްގެ ކައުންޓަރުތަކުން ވެސް މި ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެމްޑަބްލިއުއެސްސީން ބުނީ، ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދީފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ވަނީ، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބެނުން ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.