ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުގެ ގިނަ ތަކެތި އޮންލައިންކޮށް ގަނެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނަ ތަކެތި އެކުންފުނީގެ އީ-ސްޓޯ ވެބްސައިޓު މެދުވެރިކޮށް، އޮންލައިންކޮށް މިހާރު ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އީ-ސްޓޯއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި، ކޮސްމެޓިކްއާއި، ކާބޯތަކެއްޗާއި، ކުޑަކުދިންނަށް ބޭނުންވާ ތަކެތީގެ އިތުރުން އެހެނިހެން ސާމާނުތައްވެސް ހިމެނޭ ކަމަށެވެ.

އެސްޓީއޯއިން ބުނީ އޮންލައިންކޮށް ގަންނަ ތަކެތި ޑެލިވަރީކޮށްދޭނެ ކަމަށެވެ. އަދި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެއަށްވެސް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ފައިސާ ދެއްކުމުގެ ކުރިން ކަސްޓަމަރުންގެ މައުލޫމާތާއި، ޑެލިވަރީގެ ހިދުމަތް ބޭނުންނަމަ ޑެލިވާކުރަން ބޭނުންވާ އެޑްރެސްގެ މައުލޫމާތު ދިނުމުގެ ފުރުސަތު ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި ބޭނުން ނަމަ އޮންލައިންކޮށް ގަންނަ ތަކެތި ބަލާ އަމިއްލައަށްވެސް ދެވިދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އޮންލައިންކޮށް ތަކެތި ގަންނަ ފަރާތްތަކުން، ގަންނަ ތަކެތި ނެގޭނެ ކަލެކްޝަން ސެންޓަރެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ސެންޓަރު ގާއިމްކޮށްފައި ވަނީ އިބްރާހިމް ހަސަންދީދީ މަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓު ހޯލްސޭލް ސެންޓަރު ކައިރީގައި ކަމަށް އެކުންފުނިން ބުނެއެވެ. ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ގިނަ މުއައްސަސާތަކުން ދަނީ އެ ކުންފުނިތަކުގެ ހިދުމަތްތް އޮންލައިންކޮށް ދެމުންނެވެ.