އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީއެއް ހަލާކުކޮށް އޭގައި ހުރި 57 ޕާސްޕޯޓް ވަގަށް ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރީއެއް ވަގަށް ނަގައި އެ ތިޖޫރީ ހަލާކުކޮށް، ވައްކަން ކުރި މައްސަލައެއް މިއަދު ހެނދުނު 08:59 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ތިޖޫރީ ހަލާކުކޮށް ވައްކަން ކުރުމަށްފަހު ތިޖޫރީ އެއްލާލާފައި ވަނިކޮށް ފެނިފައިވަނީ އެ އޮފީހުގެ ގުދަން ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ތިޖޫރީ އިން 80 ޔޫއެސް ޑޮލަރާއި، 230 ދިވެހި ރުފިޔާގެ އިތުރުން 57 ޕާސްޕޯޓް ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.