ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ މެލޭޝިއާ ސަރުކާރުން ފޮނުވި މެސެޖުތަކަކާ ގުޅިގެން، މަޖުބޫރީ ހާލަތުގައި އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ މެލޭޝިއާ ސަރުކާރުން، ރައްޔިތުންގެ ކިބައިން މައާފަށް އެދިފައިވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޑިޕާޓްމަންޓްއިން ޖިންސީ ފުރައްސާރައަށް މަގުފަހިވާ ގޮތަށް ފޮނުވި މެސެޖުތަކަކާ ގުޅިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް، މޫވްމަންޓް ކޮންޓްރޯލް އޯޑަރެއް ތަންފީޒު ކުރަމުންދާ މެލޭޝިއާގެ ސަރުކާރުން ފޮނުވި 'އިރުޝާދު'ގެ މެސެޖުތަކުގައި ބުނެފައިވަނީ އަންހެނުން މޭކަޕް ކުރުމުގައި ކުރިއަށް ދިއުމަށާ، ކުދިކިއުން ފަދަ ކަންކަމުން ދުރުވެ ތިބުން އެދޭ ކަމަށެވެ.

މި މެސެޖާއެކު ގިނަ ބައެއްގެ ހިތުގައި ނަފްރަތާ ރުޅިވެރިކަން އުފެދި، މަސްރަހު ހޫނުވުމާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑިޕާޓްމަންޓްއިން ވަނީ އެއިދާރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އާންމުކުރި މި މެސެޖުތައް ޑިލީޓްކޮށްލާފައެވެ.

މެލޭޝިއާ ސަރުކާރުން ކުރި މެސެޖުތަކާ ގުޅިގެން ރުޅިވެރިކަން ފާޅުކޮށް ފާޑުކިއަމުންދާ ފަރާތްތަކުން ބުނީ ލޮކްޑައުން ހާލަތުގައި އޮތްއިރު އަންހެނުންނަށް ކުރިމަތިވަމުންދާ ގެވެށި އަނިޔާ ފަދަ ސީރިއަސް މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އަންހެނުން ހެދުން އަޅަންވީ ގޮތް ކިޔައިދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. މިވަގުތަކީ އަނިޔާވެރިންނާއެކު ގެތަކުގައި ބަންދުވެފައިވާ އަންހެނުންނަށް ސަރުކާރުން އެހީވާން ތެދުވަންވީ ވަގުތު ކަމަށްވެސް، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ މެލޭޝިއާގެ އެކްޓިވިސްޓުން ދަނީ ގޮވާލަމުންނެވެ.

މެލޭޝިއާގެ ދައުލަތުން އޮޕަރޭޓްކުރާ ބެރްނާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑިޕާޓްމަންޓްއިން މިފަދަ މެސެޖުތަކެއް ކޮށްފައިވަނީ ހެޔި ނިޔަތެއްގައެވެ. އަދި އެއީ ހުރިހާ އެންމެން ގޭގައި ތިބޭ ވަގުތު، އާއިލާތައް އެކުގައި ދިރިއުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި މެސެޖުތަކެއް ކަމަށް މެލޭޝިއާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޑިޕާޓްމަންޓްގެ ޑައިރެކްޓާ ޖެނެރަލް އަޚުމާ ހަސަންވަނީ ވިދާޅުވެފައެވެ.

ޖިންސީ ފުރައްސާރައާ އަންހެނުންނަށް ކުރާ ލާއިންސާނީ އަނިޔާއާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާ ނުދާ ކަމުގެ ޝަކުވާއަކީ މެލޭޝިއާގެ ސަރުކާރަށް އަބަދުމެހެން އަމާޒުވަމުންދާ ޝަކުވާއެކެވެ.

މެލޭޝިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ ހާލަތަށް ބަލާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2908 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.