ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެންމެ ހަރަކާތްތެރި އެއްގައުމަކީ މެލޭޝިއާއެވެ. ބާޒާރު މަތިވެސް އެހާމަ ހަލަބޮލި ގައުމެކެވެ. ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ކުރިމަތިވެ، މުޅި ގައުމު މިހާރު އޮތީ ހުއްޓުމަކަށް އައިސްފައެވެ. ބަލީގެ ނުރައްކާ އަދިވެސް ބޮޑުވަމުންދާއިރު ލިބުން އެންމެ ދަތިވެފައިވަނީ ސިއްހީ ހިދުމަތްތެރިންނާ އެހީތެރިންގެ ހަށި ރައްކަލަކަށް ބޭނުންކުރާ ގިއަރު ކަމަށްވާއިރު، މެލޭޝިއާގެ ބާޒާރުތަކަށް މީގެ ކުރިން މުދާ އުފައްދާދެމުންދިޔަ އެގައުމުގެ ގައިދީން މިހާރު މަސައްކަތް ކުރަމުންދަނީ ސިއްހީ ހިދުމަތްތެރިންގެ ހިދުމަތުގައެވެ.

މީގެ ކުރިން އެކިކަހަލަ އުފެއްދުންތައް އުފައްދަމުންދިޔަ ގައިދީން މުޅި ހަފުތާ ހޭދަކުރަނީ ކޮވިޑް-19އާއި ދެކޮޅަށް މެލޭޝިއާއިން ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ މިފަދަ ގިއަރުތައް ތައްޔާރުކޮށްދިނުމުގެ މަސައްކަތުގައެވެ.

ސިއްހީ ހިދުމަތްތެރިންނާ އެހީތެރިންނަށް ބޭނުންވާ ހަށިރައްކަލުގެ ސަމާނު ތައްޔާރުކޮށްދިނުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޕިނޯރު ޖަލުގެ 18 ގައިދީއެކެވެ. ކޮންމެ ހަފުތާގެ ހުރިހާ ހުރިހާ ދުވަހަކު، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވިރު 05:00 މި ގައިދީންގެ މަސައްކަތަކީ މި އާލާތްތައް ފަހާދިނުމެވެ. މި މަޝްރޫއު ފެށި މާޗް 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފާއިތުވީ ކޮންމެ ދުވަހަކު 20 ގިއަރު ސެޓް ފުރިހަމަކޮށް، ތައްޔާރުކުރެއެވެ. ތައްޔާރުކުރާ ކޮންމެ ސެޓެއް ވަކިވަކީން ބަލާ ފާސްކުރުމަށްފަހު ނޫނީ މެލޭޝިއާގެ ސިއްހަތާ ބެހޭ އިދާރާތަކަށް އެ ތަކެތި ފޯރުކޮށެއް ނުދެއެވެ.

ސަލާމަތީ ގިއަރު ފެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާ، އުމުރުން 26 އަހަރުގެ ފިރިހެން ގައިދީއަކު ބުނީ މިއީ އޭނާއަށް ގައުމަށް ކޮށްދެވޭ ކުޑަ މިންވަރެއްގެ ހިދުމަތެއް ކަމަށެވެ. ޖަލުގައި ހުރެގެންވެސް ގައުމަށް ހިދުމަތްކޮށްދެވޭތީ އުފާވާ ކަމަށާ، އެއީ ކިތަންމެ ކުޑަ މިންވަރަކަށް ކަމުގައި ވިއަސް އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ހިމާޔަތެއް ލިބިދޭނަމަ އެކަމުން އުފާ ލިބޭކަމަށް އެ ޒުވާނާ ވަނީ ބުނެފައެވެ.

ޕިނޯރް ޕްރިޒަންސް ޑައިރެކްޓާ އަބޫ ހަސަން ހުސައިން ވިދާލުވީ، ޖަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނާ، ފިރިހެން މުވައްޒަފުންގެ އަނބިންވެސް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް އެހީވުމުގެ ގޮތުން 525 ފޭސް ޝީލްޑް ހަދިޔާކޮށްފައިވާކަމަށެވެ.

މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު، މިއަދުވެސް 142 މީހަކުވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2908 އަށް އަރާފައެވެ. މި ބަލީގައި މެލޭޝިއާއިން 45 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.