ދުނިޔެއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އޭޝިއާ ސަރަހައްދުން 11 މިލިއަނެއްހާ މީހުން، އިންތިހާ ފަގީރު ކަމުގެ ހާލަތަށް ވައްޓާލަފާނެ ކަމުގެ އިންޒާރު، ވާލްޑް ބޭންކުން ދީފިއެވެ.

ބައިނަލްއަގުބާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މާލީ މުއައްސަސާއެއް ކަމަށްވާ ވާލްޑް ބޭންކުން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ ނުރައްކާ ދަރަޖައަށް ހިނގައްޖެ ހިނދެއްގައި، ފާއިތުވީ 20 އަހަރު ދުވަހުގެ ތެރޭގައި ދެކެފައި ނުވާ ވަރުގެ އިންތިހާ ހީނަރުކަމެއް އޭޝިއާ ބައްރަށް ކުރިމަތިލާންޖެހުން ގާތެވެ. މިއާއެކު އޭޝިއާ ބައްރަށް ކުރިމަތިވެގެން އަންނަ ހީނަރުކަމަކީ ދިގުމެދިގެންދާނެ ހީނަރުކަމެއް ކަމަށްވެސް ވާލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

އޭޝިއާ ބައްރުގެ މަޝްރޫއުތައް މިއަހަރު 5.5 ޕަސެންޓް އިތުރުވާނެ ކަމަށް 2019 ވަނަ އަހަރު ލަފަކޮށްފައި އޮތްނަމަވެސް، މިއަދަދު 2.1 ޕަސެންޓްއަށް މަޑުޖެހިގެންދާނެ ކަމަށް ވާލްޑް ބޭންކުން މިހާރު ލަފާކުރެއެވެ. އަދި މަސްރަހު އިތުރަށް ގޯސްވެއްޖެނަމަ، މިއަދަދު 0.5 ޕަސެންޓްއަށްވެސް ދަށްވުން އެކަށީގެންވާކަމަށް ވާލްޑް ބޭންކުން ލަފާކުރެއެވެ.

ކޮވިޑް-19ގެ ފެށުން ކަމަށްވާ ޗައިނާގެ އިގުތިސޯދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މިކަމުގެ އަސަރު އެހެން ހިސާބުތަކުންވެސް ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެގެން އައިއިރު ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ދެވަނައަށް އެންމެ ވަރުގަދަ އިގުތިސޯދެވެ. އަދި އޭޝިއާގެ އެންމެ ވަރުގަދަ އިގުތިސޯދެވެ. ނަމަވެސް އޭރުވެސް ޗައިނާއިން ދިޔައީ އެމެރިކާއާއި ދެކޮޅަށް ވިޔަފާރީގެ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

ޗައިނާގެ އިގުތިސޯދު އިންތިހާއަށް އަޑިއަޅައިފިނަމަ ދުނިޔޭގެ އިގުތިސޯދަށްވެސް އެކަމުގެ ހީނަރުކަން ފޯރާނެއެވެ. ދުނިޔޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލީގެ މައި ސޯބަކީވެސް ޗައިނާކަމަށް ތަޖުރިބާކާރުން އިއްތިފާގުވެއެވެ.