އަންނަ ބުރާސްފަތި ދުވަހު ބޭންކުތަކުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތައް އިތުރު ހަފްތާއަކަށް ބަންދުކުރަން ނިންމުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ މި ހަފްތާގެ ބޭންކުތަކުން ހިދުމަތް ދޭ ދުވަސްތަކެއްގެ ގޮތުގައި މިއަދާއި އަންނަ ބުރާސްފަތި ދުވަސް ކަނޑައަޅާފައެވެ. އެ ދެ ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ކުރިން ހަމަޖައްސާފައިވާ ވަގުތަކީ ހެނދުނު 9:30 އިން 11:30 އަށެވެ. ނަމަވެސް އަންން ބުރާސްފަތި ދުވަހު ހިދުމަތް ދޭ ގަޑިއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެމްއެމްއޭ އިން ބުނީ، އަންނަ ބުރާސްފަތި ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ހަމަޖެފައިވާ ގަޑިތަކަކީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށް ކަމަަށެވެ. ހަމައެއާއެކު އެމްއެމްއޭ އިން ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށް އެމއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި ލިޔުންތައް ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ މެއިލް އަކީ [email protected] ކަމަށް އެ އޮތޯރިޓީން ބުނެއެވެ.