ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވަމުން އަންނަ މެލޭޝިއާ ގައި ދުވަހުން ދުވަހަށް އާންމު ދިރިއުޅުމަށް ބޭނުންވާ މުއްދާ ވިއްކާ ފިހާރަތައް ހުޅުވާފައި ހުންނާނީ 12 ގަޑިއިރަށް ކަމަށް ކަނޑައަޅައިފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، މިފަދަ ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 08:00ގެ ނިޔަލަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ. މިއީ ސުޕަމާޓްތަކާ، ޕެޓްރޯލް ސްޓޭޝަންތަކަށްވެސް ތަންފީޒުވާނެ ބަދަލެއް ކަމަށް ޚަބަރު ލިބެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެލޭޝިއާގެ ދިފާއީ ވަޒީރު އިސްމާއީލު ސޮބްރީ ވިދާޅުވީ، ރެސްޓޯރަންޓްތަކާ، ކާބޯތަކެތި ޑެލިވާކޮށްދޭ ތަންތަނުންވެސް އޮޕަރޭޓްކުރަންޖެހޭނީ މި ވަގުތުތަކުގައި ކަމަށެވެ.
މި ބަދަލަށް އަމަލު ކުރަން ފަށަން ކަނޑައަޅާފައިވަނީ އަންނަ އޭޕްރިލް މަހުގެ 1 ވަނަ ދުވަހު އެވެ.
މީގެ އިތުރު ސޮބްރީ ވަނީ މެލޭޝިއާގެ ބާޒާރުގައި ފޭސް މާސްކު ވިއްކޭނެ އެންމެ ބޮޑު އަގުވެސް އިއުލާންކުރައްވާފައެވެ. އެގޮތުން 1.5 މެލޭޝިއާ ރިންގިޓް ނުވަތަ 0.34 ޑޮލަރަށްވުރެ ބޮޑު އަގެއްގައި މާސްކު ނުވިއްކޭނެ ކަމަށާ، މިކަންވެސް ތަންފީޒުކުރާނީ އޭޕްރިލް 1 ވާ ބުދަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.
މާޗް 18 ވަނަ ދުވަހުން ފަށައިގެން މުޅި މެލޭޝިއާ ވަނީ ލޮކްޑައުން ހާލަތަށް ގެނެސްފައެވެ. އަދި އަންނަ މަހުގެ 14 ގެ ނިޔަލަށް މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ އަމުރުގެ މުހުލަތުވެސް ވަނީ އިތުރުކޮށްފައެވެ.
މެލޭޝިއާގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރަށް ބަލާއިރު، މިއަދުވެސް 156 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 2626 އެވެ. 94 މީހަކު އޮތީ ކުރިޓިކަލް ހާލުގައި ކަމަށް ޚަބަރު ލިބެއެވެ. މިއަދު 2 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37 އަށް އަރާފައެވެ.