މިއަދުގެ ވަގުތެއްގައި ބާޒާރު ކުރައްވަން ވަޑައިގެންނެވި ކަމަށާ، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ބިރުން އުޅެންޖެހިދާނެ އެއްވެސް ސަބަބެއް ފެނިވަޑައިނުގެންނެވި ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވެއްޖެއެވެ.

އޭނަގެ ސޯޝަލް ޕޭޖުގައި، ބޮޑުވަޒީރު މުހްޔިއްދީން ވަނީ ބާޒާރަށް ވަޑައިގެން އުޅުއްވި މަންޒަރުތައްވެސް ހިއްސާކުރައްވާފައެވެ. ނަމަވެސް ބާޒާރުކުރައްވަން ވަޑައިގެންނެވީ ކޮން ތަނަކަށް ކަމެއް، ކަނޑައެޅިގެން ބަޔާން ކުރައްވާފައެއް ނުވެއެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މެލޭޝިއާގައި ބާޒާރުކުރެއްވުމުގެ ތަޖުރިބާ ހިއްސާކުރައްވަމުން ބޮޑުވަޒީރު މުހްޔިއްދީން ވިދާޅުވީ، ބާޒާރުކުރައްވަމުން ގެންދެވިއިރުވެސް މީހުންގެ ހަރަކާތްތައް ހުރި ނެތްގޮތް ބައްލަވާފައިވާނެ ކަމަށެވެ. އެގޮތުން ސޯޝަލް ޑިސްޓަންސިންގް ނުވަތަ އިޖުތިމާއީ ގައިދުރުކަމަކީ ކޮބައިކަން މީހުންނަށް ވިސްނޭކަން އެނގިވަޑައިގަންނެވި ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ބާޒާރުގައި މުދާ ހުރި ކަމަށާ، ހާސްވެ، ނުތަނަވަސްވެގެން އުޅެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު ބާޒާރު ކުރައްވަނީ

ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާ މަންޒަރުތަކަށް ބަލާއިރު ފޭސް މާސްކެއްގެ އިތުރުން އަތަށް އަންގިއެއްވެސް ތުރުކުރައްވައިގެން ބާޒާރުކުރައްވަން ފެއްޓެވުމުގެ ކުރިން ބޮޑުވަޒީރު މުހްޔިއްދީންވަނީ ސުޕަމާޓަށް ވެންނެވުމުގެ ކުރިން ފުރިހަމަކުރައްވަންޖެހޭ ރޫޓީންވެސް ފުރިހަމަ ކުރައްވާފައެވެ. އެގޮތުން ހަށިގަނޑުގެ ފިނިހޫނުމިން ހުރިމިންވަރުވެސް ބޮޑުވަޒީރު ވަނީ ބައްލަވާފައެވެ.

މެލޭޝިއާގެ ދިފާއީ ވަޒީރު އިސްމާއީލު ސޮބްރީ ޔައުގޫބުވެސް ވަނީ، ގައުމުގެ ހުރިހާ ހިސާބަކުންވެސް ބޭނުންވާ މިންވަރަށް އަސާސީ މުދާ ގަންނަން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު ބާޒާރު ކުރައްވަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގާތްގަނޑަކަށް 1 މަސްދުވަހުގެ މޫވްމަންޓް އޯޑަރެއް މެލޭޝިއާގައި ތަންފީޒުކުރަމުންދާއިރު، މިއީ މި އަމުރުގެ ދަށުން އާންމު ދިރިއުޅުމުގެ ހަރަކާތްތައް މަޑުޖައްސާލާފައި އޮންނަތާ 12 ވަނަ ދުވަހެވެ.

މެލޭޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2470 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން 34 މީހަކު ވަނީ މަރުވެފައެވެ.