ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރި ބަޔަކަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އަލިދޫ ރިސޯޓަކަށް އެކި ދުވަސްފަތިން އަރާ އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގަފައިވާ ކަމުގެ މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތައް ބަލާފާސްކޮށްފައި ވާ ކަމަށެވެ. އެގޮތުން ޖުމްލަ 9 ގެ ބަލާފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަލިދޫ ރިސޯޓުން ވަގަށް ނެގި ސާމާނު / ފޮޓޯ: ޕޮލިސް

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޖުމްލަ 4 ދިވެހި ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 35 އަހަރާއި، 34 އަހަރާއި، 33 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ، ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބޭއްތިއްބުމަށް 10 ދުވަސް ދީފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.