ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި ކުލީގެ އަގު ބޮޑުކަމަށާއި ނަމަވެސް މިވަގުތު ކުލި ރެގިއުލޭޓް ކުރުމާ މެދު ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ވިދާލުވީ، ވެރިކަން ކުރާ ރަށް މާލޭގައި ކުއްޔަށް ދޭ ތަންތަނުގެ އަގު ބޮޑު ކަމަށެވެ. ނަމަވެސް ކުލީގެ އަގު ރެގިއުލޭޓްކުރުމަށް މިވަގުތު ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، ކުލި ރެގިއުލޭޓް ކުރުމާ މެދު ކުރިއަށް އޮތްތަނުގައި ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލޭގެ ހާލަތަށް ބަލާ އެތައް ބަޔަކު ދަނީ ކުލި ދަށްކޮށްދިނުމަށް އެދެމުންނެވެ. މިވަގުތު އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށާއި އަދި ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖްގެ ފައިސާ ދަށްވަމުންދާތީއާއި ރިސޯޓުތައް ބަންދު ކުރަމުން ދާތީ ކުރިން ވަޒީފާގައި ލިބެމުންދިޔަ އުޖޫރަ ނުލިބޭނެތީ ކުލި ދެއްކުމުގައި ދަތިތަކެއް ހުރި ކަން ހާމަކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮދުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ބައެއް އަމިއްލަ ފާރާތްތަކުން މާލޭގައި ކުއްޔަށްދޭ އިމާރާތްތަކުގެ ކުލި ވެސް ވަނީ ދަށްކޮށްފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން މިއީ ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ މިއޮތީ ލޮކްޑައުންގެ ހާލަތަކަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުތަކީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި އަދި މިއީ ވަކި ކުލައަކަށް އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މި ދަނިޑީވަޅުގައި ލޮކްޑައުންގެ ހާލަަތަކަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރު މިއޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް-19 އަށް 13 ބިދޭސީއަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެތެރެއިން 8 މީހަކު ވަނީ މިހާރު މި ބަލިން ރަނގަޅުވެފައެވެ. ބަކީ ތިބި 5 މީހުންނަށް ފަރުވާދެމުންދާއިރު އެމީހުންގެ ހާލު ރަނގަޅުކަމަށް އެޗްޕީއޭއިން ބުނެއެވެ.