އިތުރު 1 ހަފްތާއަށް ސަރުކާރު ބަންދު ކުރަން ރައީސް ނިންމަވައިފިއެވެ.

މިކަން އިިއުލާނު ކުރެއްވީ ކޮވިޑް-19އާ ގުޅިގެން މިހާރު ދަރުބާރުގޭގައި ކުރިއަށްދާ، ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، ސްކޫލްތައް ހުޅުވުން ވަނީ ދެ ފަހަރެއްގެ މަތިން ލަސްކޮށްފައެވެ. އެގޮތުން، ފުރަތަމަ ސެމިސްޓާގެ ބަންދަށްފަހު އިތުރު އެއް ހަފްތާ ބަންދުކުރުމަށްފަހު، އަނެއްކާވެސް މިވަނީ އެ މުއްދަތަށް އެއް ހަފްތާއެއް އިތުރުކޮށްފައެވެ.

ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަށް ފަސްކޮށްފައިވާ އިރު މި ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލަން ވެސް ވަނީ އަންގާފައެވެ.

ސްކޫލްތަކާއި ކޮލެޖުތައް އަދި ޔުނިވާސިޓީތައް ބަންދުކޮށްފައިވީ ނަމަވެސް، މި މުއްދަތުގައި އިންޓަނެޓާއި ޓީވީގެ ޒަރިއްޔާއިން ކްލާސްތައް ނެގުމަށް ވަނީ ނިންމާފައެވެ.