ރިސޯޓުން ފިލައިގެން ދިޔަ ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މާލެ ކައިރި ރިސޯޓަކުން ފިލައިގެން މާލެއަށް އައިސް ފުވައްމުލަކަށް ދިޔަ ދެމީހުން ހައްޔަރުކޮށްފައިވާއިރު އެ ދެމީހުންގެ ބަނދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތް ޖަހާފައިވަނީ މިއަދު ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓުން ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ 2 މުވައްޒަފުން ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް ވަނީ ގޮސްފައެވެ.

އެ ދެމީހުން ވަނީ ފުވައްމުލަކު ސިޓީ އިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެސްގޮސްފައި ވަނީ ރޭ 11 :25 ގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފަައި ވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މީގެ އިތުރުން އައްޑޫގެ މީދޫއާއި ދެމެދު ބްރިޖަކުން ގުޅާފައިވާ ހެރެތެރެ ރިސޯޓުން ދިވެއްސަކު ފަތާފައި މީދޫއަށް އެރި މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން ބުނީ ދިވެހި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.