ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިންގެ މަސައްކަތަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އެމްޓީސީސީން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ނަގާފައި ތިބި ފަރާތްތަކަށް ލުއި ގޮތްތަކެއް އެކުންފުނިން އެކުލަވާލައިފިއެވެ.

އެމްޓީސީސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ދިގު މުއްދަތަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ނަގަވާފައިވާ، އެކުންފުނިން ވިއްކާ އެ ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ލުއިފަސޭހަ ގޮތަކަށް ކަސްޓަމަރުންނަށް ފައިސާ ދެއްކޭނެ ޕްލޭނެއް އެކުންފުނިން މިއަދު އެކުލަވާލައިފައިވާ ކަމަށެވެ. އެގޮތުން ކުންފުނިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނު ދިގު މުއްދަތަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ނަގަވާފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ މިއަދުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް ފަސް ކޮށްދީފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މުއްދަތައް ކަނޑައެޅިފައިވާ ފައިނޭންސް ކޯސްޓް ވެސް މައާފް ކޮށްދޭން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިސްލާހުކުރެވިފައިވާ ޕޭމަންޓް ޝެޑިއުލް ކޮންމެ ކަސްޓަމަރަކަށް ވެސް ހިއްސާ ކުރެވޭނެ ކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބިގެންދާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބައެއް ކުންފުނިކުން މި ދަނޑިވަޅުގައި އާއްމު ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކަށް ވެސް ބޮޑެތި ލުއި ފަސޭހަތަކެއް ގެނެސްފައިވެއެވެ.