ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ބަނގުރޫޓުވަމުން އަންނަ ކަމަށާއި އެކަމަށް ބޭންކުތަކުން އެހީތެރިވާން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ހެނދުނު ދަންފަޅީގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މި ދަނޑިވަޅުގައި ބޭންކުތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ވިޔަފާރިތަކަށް އެހީތެރިވާން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ބޭންކުތަކުން ވިޔަފާރިތަކަށް އިންޓްރެސްޓު ކުޑަ ލޯނުތައް ދޫކުރުމަށް ގޮވާލާފައެވެ. އަދި ވިދާޅުވީ މިވަގުތަކީ އެމީހަކަށް ވެވެނު ވަރަކުން އާމްދަނީ އިތުރު ކުރަންވީ ވަގުތު ކަމަށެވެ.

އޭނާ ވަނީ ބޭންކުންތަކުން އިންޓްރެސްޓު ރޭޓު ސުމަކަށް ގެންނަންޖެހޭ ކަމަށް ގޮވާލާފައެވެ. ނަމަވެސް ފެންނަމުން ދަނީ މި ދަނޑިވަޅުގެ ބޭނުން ނާޖާއީޒު ގޮތުގައި ބޭންކުންތަކުން ހިފަމުން ގެންދާ މަންޒަރު ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒުލް ރަޝީދު ވެސް ވަނީ ބޮންޑޭއާ އެއްކޮޅަށް ވާހަކަދައްކަވާފައެވެ. ވިދާޅުވީ މިވަގުތު ވިޔަފާރިންގެ ބޮލުގައި ބޮޑެތި ލޯނުތައް ބޭންކުތަކުން ނޭޅުމަށް ގޮވާލާ ކަމަށެވެ. މިވަގުތު ސަރުކާރުންވެސް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ވިޔަފާރިވެރިން "ސްޓޭބަލް" ކުރުން ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"މިވަގުތު ސަރުކާރުން ދޭން ޖެހޭ އެހީތެރިކަމަކީ އެބޭފުޅުންގެ ލޯނު އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެ ބޭފުޅުންނަށް ފައިސާގެ އިނާޔާތްތަކާއި އެއްޗެހި ޕްރޮވައިޑްކޮށްދީގެން އެބޭފުޅުން ސަސްޓެއިން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިދިނުމޭ،" ފަޒުލް ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ސަރުކާރުން ވެސް މިވަގުތުގައި ކަންކަން ހަރުދަނާކޮށް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އިހާނެތިކޮށް ކަންކަން ނުކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ގެއްލުންތައް ލިބޭ ގެއްލުންތައް ކުޑަ ކުރަން ވިޔަފާރިވެރިންނަށް އެހީވުމަށް މެންބަރުން ގޮވާލެއްވިއިރު މިއަހަރަށް ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށްވަމުންދާކަމަށާ، މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ގާތްގަނޑަކަށް 450 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.