މިއަދު މެލޭޝިއާއިން ރާއްޖެ އަންނަން އޮތް އެއާ އޭޝިއާގެ ފްލައިޓް ކެންސަލް ވެއްޖެއެވެ.

މިއަދުު އިރުއޮއްސި 6:00ގެ ކުރިން މެލޭޝިއާއިން ރާއްޖެ އަންނަން އޮތް އެއާ އޭޝިއާގެ ފްލައިޓް ކެންސަލް ވެފައި ވާއިރު، 6:00ގެ ފަހުން މެލޭޝިއާއިން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ، މިއަދު ހާމަކޮށްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި، އެއާ އޭޝިއާގެ ފްލައިޓް ކެންސަލްވެފައި ވަނީ އެ ފްލައިޓުގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން ޗެކިން ވުމަށްފަހު ބޯޑިން ގޭޓުން ވަންނަން އުޅެނިކޮށެވެ. އަދި އެ ފަސިންޖަރުން އަނބުރާ ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު މެލޭޝިއާއިން ރާއްޖެ އަންނަން އުޅުނު އެއާ އޭޝިއާގެ ފްލައިޓެއް ކެންސަލް ވެފައިވާއިރު، އެ ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފްލައިޓުން އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މެލޭޝިއާއާ މެދު ދަތުރުފަތުރު ކުރުމުގެ ވަކި ގޮތްތަކެއް ކަނޑައަޅާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާ ލޮކްޑައުން ކުރުމަށް ނިންމާ، އެގައުމުގެ ޕްރައިމް މިނިސްޓަރު މުހްޔިއްދީން ޔާސީން ވަނީ އިއްޔެ އެކަން އިއުލާން ކުރައްވާފައެވެ. އެ ގައުމު ލޮކްޑައުން ކުރުމަށް ނިންމާފައި ވަނީ، މިމަހު 18 ވަަނ ދުވަހުން ފެށިގެން މިމަހު 31 ދުވަހުހެ ނިޔަލަށެވެ.