މެލޭޝިއާ އަށް ދަތުރުކުރާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މެލޭޝިއާގެ ސަރުކާރުން ވަނީ މި މަހުގެ 18 އިން 31 އަށް "މޫވްމަންޓް ކޮންޓްރޯލް އޯޑާ" ގެ ދަށުން ފިޔަވަޅިތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިންނާއި ބިދޭސީން އެ ގައުމަށް ވަނުން މަނާކުރުމާއި މެލޭޝިއާ ރައްޔިތުން އެ ގައުމުން ބޭރަށް ދިއުން މަނާކުރުން އަދި ބޭރު ގައުމުތަކުގައި އުޅެފައި އެނބުރި މެލޭޝިއާއަށް ދާ އެ ގައުމުގެ ރައްޔިތުން ހެލްތު ޗެކްއަކަށް ފަހު 14 ދުވަހަށް ކަރަންޓީން ކުރުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު މެލޭޝިއާގައި ދީނީ، ކުޅިވަރު، އިޖްތިމާއީ އަދި ސަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުމާއި، ހުކުރު ނަމާދު ހިމެނޭގޮތަށް މިސްކިތްތަކުގައި ބާއްވާ ހުރިހާ ދީނީ ހަރަކާތްތަކާއި ބައްދަލުވުންތައް މަނާކުރުމާއި، ހުރިހާ ސްކޫލްތައް ބަންދުކުރުމާއި، ސުޕަ މާކެޓް ފަދަ އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި ހުރިހާ ވިޔަފާރިތައް ބަންދުކުރުން ހިމެނެއެވެ. އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ފެން، ކަރަންޓު، ޓެލެކޮމް، ދަތުރުފަތުރު، ހަކަތަ، ބްރޯޑްކާސްޓިން، ސެކިއުރިޓީ، ސިއްހަތު، އަދި މާލީ ކަންކަމާ ގުޅޭ އިދާރާތައް، ބޭންކް އަދި ވައިގެ ބަނދަރުތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ވުޒާރާތައް ވަނީ ބްންދުކޮށްފައި ކަމަށް ފޮރިން މިނިސްތްރީން ބުނެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓާ ކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.