އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.

އީސީން ހައިކޯޓަށް މައްސަލަ ހުށަހެޅީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރުމަށް އެދިއެވެ. މިކަމާ ގުޅިގެން ހައިކޯޓުން ބުނީ، ލޯކަލް ކައުންސިލްގެ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޮމިޝަނުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ހައިކޯޓަށް މައްސަލަ ހުށަހަޅަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، މި ވަގުތު ހާލަތަށް ބަލާ އިންތިހާބުގެ ވޯޓުލުން ކުރިން ކަނޑައަޅާފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މުއްދަތެއް ނެތް ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ފަސްކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން އެކަނި ފަސްކުރަން ހުށައެޅީ، މިހާރު ކޮށްފައިވާ ހަރަދުތައް އަލުން ބަލުން ނުކުރަން ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފެށުމާއިގުޅިގެން އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހަކު ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރި އަކާއި، ތުރުކީގެ ފަތުރުވެރި އަކާއި، ސައުތްއެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.