ގިލިލަންކަންފުށިން ކޮރޯނާއަށް ޝައްކުވި ދިވެއްސަކީ މެލޭޝިއާއިން އައިސް ވަޒީފާއަށް އެނބުރި ދިޔަ މީހެއް ކަަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ގިލިލަންކަންފުށިން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރަމުންދާ ދިވެއްސަކީ ޗުއްޓީ ހޭދަކުރަން މެލޭޝިއާއަށް ގޮސްފައި އެނބުރި އައިސް އެނބުރި ރިސޯޓަށް ގޮސްފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާއަކީ ގިލިލަންކަންފުށީގެ މުވައްޒަފެއް ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ވަގުތީ ގޮތުން، އެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އަރާފޭބުން ވަނީ ހުއްޓުވާފައެވެ.

ހަމައެއާއެކު އއ. މަތިވެރިން ވަނީ 2 ބިދޭސީއެއްގެ ގައިން ކޮވިޑް-19 އަށް ޗާއްކު ކުރެވޭ އަލާމާތްތައް ފެނުމާއެކު އެ ރަށް މިނިޓަރީންގެ ހާލަަތަށް ގެނެސްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ. އެނެމް ފަހުން މި ބައްޔަށް ޓެސްޓު ކުރި ދެ ދިވެހިންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. އެއީ ސްޕެއިނުން އައި ދިވެއްސަކާއި، ހުޅުމާލެއިން ކަރަންޓީން ކުރި ދިވެހި މީހާގެ ނަތީޖާއެވެ.