ކުއްލި ގޮތަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވެގެންދިޔަ މެލޭޝިއާގައި 10 ދުވަހުގެ މުއްދަތަކަށް މިސްކިތްތައް ބަންދު ކުރުމަށް ނިންމާ، ކަމާބެހޭ ފަރާތްތަކަށް ވަރަށް އަވަހަށް އެކަމުގެ އިރުޝާދުތައް ދޭން ފަށާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މެލޭޝިއާގެ އަވަށެއް ކަމަށްވާ ޕާލީސްގެ ސަލަފީ މުފްތީ މުޙައްމަދު އަސްރީ ޒައިނުލް އާބިދީންގެ އިންސްޓަގްރާމް ޕޯސްޓަކާ ހަވާލާދީ ބައިނަލްއަގުވާމީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މެލޭޝިއާގެ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވަލޮޕްމަންޓްއިން މި އިރުޝާދު ދެނީ ސިއްހަތާ ބެހޭ ވުޒާރާގެ ލަފާގެ މަތިންނެވެ.

ޗައިނާއަށް ދަތުރުކުރާ ފަސެންޖަރުން 2019-އެންކޯވް ރޯގާއަށް ސްކްރީން ކުރުމަށް މެލޭޝިއާއިންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ/ފޮޓޯ: އޭއެފްޕީ ފެކްޓްޗެކް

ސަލަފީ މުފްތީ މުޙައްމަދު އަސްރީ ބުނެފައިވާ ގޮތުގައި 10 ދުވަހުގެ މުއްދަތަށް މިސްކިތްތައް ބަންދުކުރާއިރު، ޖަމާއަތުގައި ކުރާ ނަމާދުތައްވެސް މި މުއްދަތުގައި ނުކުރާނެއެވެ. މިސްކިތްތަކުގައި ހިންގާ ހުރިހާ ހަރަކާތެއް ހުއްޓުވާލާއިރު، ހުކުރު ނަމާދުވެސް ނުކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

އާދީއްތަ ދުވަހަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން މެލޭޝިއާ ދުށް އެންމެ އަނދިރި ދުވަހެވެ. ރެކޯޑްތައް ދައްކާ ގޮތުން އިއްޔެ އެކަނިވެސް އެގައުމުން 190 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 428 އަށް އަރާފައެވެ.

މެލޭޝިއާއިން އެންމެ ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މިސްކިތަކާ ގުޅިފައިވާ ދީނީ ހަރަކާތެއްގައި ބައިވެރިވި މީހުންގެ ޖަމާއަތުގައި ހިމެނުނު މީހުންނެވެ. ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މާޗް 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ހަރަކާތުގައި އެކި ގައުމުތަކުން 16000 އެއްހާ މީހުން ބައިވެރިވިއެވެ.

މެލޭޝިއާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅެމުންދާ ގައުމަކަށް ވާއިރު، އެގައުމުގައި ހުންނަ ދިވެހި އެމްބަސީއިން ދަނީ ސަމާލުވާންވީ ކަންކަން ބަޔާންކޮށް އިއުލާނާ އިރުޝާދުތައް އާންމު ކުރަމުންނެވެ.