މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލްއިން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މި މަހުގެ 14 އިން ފެށިގެން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ވަގުތީގޮތުން އޮން-އެރައިވަލް ވިސާގެ ހިދުމަތް ދިނުން ހުއްޓާލައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ފަތުރުވެރިން ނޭޕާލްއަށް ޒިޔާރަތް ކުރާނަމަ ކޯވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް އެ ގައުމެއްގެ ކަމާ ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން އައުމަށް ނޭޕާލް ސަރުކާރުން އަންގަވާފައިވާ ކަމަށެވެ. އަދި މި ލިޔުމަކީ ނޭޕާލަށް އެތެރެވާ ތާރީހަށް 7 ދުވަސް ހަމަ ނުވާ ލިޔުމަކަށް ވާން ޖެހޭނެއެވެ.
މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލްއަށް ދިއުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީންގައި ތިބެން ޖެހޭނެކަމަށް ވެސް ނޭޕާލް ސަރުކާރުން އަންގަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ނޭޕާލްއަށް ދަތުރުކުރާ ފަރާތްތަކާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްވެސް އެދިފައި ވެއެވެ.
ހަމައެއާއެކު ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ހާއްސަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ފޮރިން މިނިސްޓްރީން ފާޙަގަކުރެއެވެ.