ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް ބަންދުކުރަން ނިންމައިފިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭ މަރުކަޒުތަކާއި ދަނޑުތަކާއި އަދި އެފަދަ ހުރިހާ ތަނެއް ބަންދުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މިފަދައިން ނިންމަވާފައި ވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށާއި އަދި މިނިސްޓްރީގެ ދަށޫން ހުރި ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރެވޭނީ ކުރިއަށް އޮތް 2 ހަފްތާގެ މުއްދަތަށް ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މި ދުވަސްވަރު އެއްވެސް ސްޕޯޓްސް މުބާރާތެއް ބެއްވިގެން ނުވާނެ ކަމަށެވެ.
ކުޅިވަރިގެ ދާއިރާއިން އަޅާފއިވާ ފިޔަވަޅުތަކަށް ބަލާއިރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ތިބި ޓީސީ ސްޕޯޓްސް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ކަރަންޓީނު ކުރުމަށްފަހު ކަމަށާއި ކަރަންޓީނުގެ މުއްދަތަކީ ދެ ހަފުތާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ބަންގްލަދޭޝްގައި ތިބި ޓީސީ ފުޓްބޯލަ ކުޅުންތެރެއިން މިފަދައިން ގެނައުމަށް ނިްމާފައިވަނީ މިވަގުރު ރާއްޖެއަށް އައުން މާނާކޮށްފައިވާ ގައުމުތަކުގެ ލިސްތޫގައި ބަންގްލަދޭޝް އޮތުންމުންނެވެ.
މީގެ އިތުރުން އިންޑިއާގެ ޗެންނާއީގައި ތިބި މާޒިޔާ ސްޕޯޓްސް ކުލަބު ރާއްޖެ އައިސްފައިވާ އިރު، އެ ޓީމުގެ ކުޅުންތެރިން ކަރަންޓީން ކޮށްފައެއް ނުވެއެވެ. އިންޑިއާއިން އައި ތީމް ކަރަންޓީން ކޮށްފައި ނުވަނީ އެސަރަހައްދުން މީހުން އައުން އަދި ސަރުކާރުން މަނާކޮށްފައި ނުވާތީއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ސްކޫލްތައް ހަފްތާއަކަށް ބަންދު ކުރުމަށާއި ކޮލެޖް އަދި އިންސްޓިޓިއުޝަންތައް ދެ ހަފްތާއަށް ވަނީ ބަންދުކޮށްފައެވެ. މިގެ އިތުރުން ފާކްތަކާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.