ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިގް ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ސޯލިހް މފަދައިން އިލްތިމާސްކުރެއްވީ ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނާ މުހަތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށެވެ. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން ކަމަށާއި، މިއީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވަކިން ހާއްސަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ވެސް ވަނީ ހުޅުވުން ލަސްކޮށްފައެވެ. ފުރަތަމަ ސެމިސްޓާގެ ބަންދު ނިމުމަކަށް އައިސްފައި ވަނިކޮށް، ސްކޫލުތައް ހުޅުވުން ލަސްކޮށްފައިވާކަން ސަރުކާރުން އިއުލާނު ކޮށްފައި ވަނީ ރެއެވެ.

މީގެ އިތުރުން ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ ފަސްކޮށްފައެވެ. އެގޮތުން އަންނަ މަހު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ވަނީ އަންނަ މަހު 18 އަށް ފަސްކޮށްފައެވެ.