ކޮވިޑް-19 އާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މިވަގުތު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ކޮވިޑް-19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައިވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްތުނުކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ ކަމަށާއި ނަމަވެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފަނު ވިދާޅުވީ، ސަރުކާރުން ކުރާ ދަތުރުތަކާއި، މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި، އެފަދަ ބައެއް ހަރަދުތައް ވެސް މިވަގުތަށް ވަނީ ކުޑަކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން، ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާއެކު، މަރުކަޒީ ބޭންކު އެމްއެމްއޭ އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި، މިކަމުގައި ވެސް އެކުވެރި ގައުމުތަކުންނާއި، މާލީ އިދާރާތަކުން ވަނީ ފެހި ސިގްނަލް ލިބިފައި ކަމާސް ރައީސް ސޯލިހް ވިދާޅުވިއެވެ.