ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ބޮޑު ލޮޅުމެއް އަރާ، 1،61740 ބެޑް ނައިޓް ކެންސަލްވެފައިވާ ަކމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ގިނަ ބެޑް ނައިޓް ވަނީ ކެންސަލް ކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން، އިގްތިސޯދު ކުރިއަރާ މިންވަރު ބޮޑު ތަނުން ދަށަށްދާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އައިސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަން 8 ޕަސަންޓު ކުރިއަރާނެ ކަމަށް ކުރިން އަންދާޒާ ކޮސްފައިވީ ނަމަވެސް، ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސަންޓާއި 35 ޕަސަންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މިއަހަރުގެ ތެރޭގައި 7.5 ޕަސަންޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު 0.5 ޕަސަންޓާއި -5.6 ޕަސަންޓާއި ދެމެދުގެ މިންވަރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުވިދާޅުވީ، މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.