ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ. މިއީ ކޮވިޑް 19އަށް ރާއޖެއިން ބަޔަކު ޕޮޒިޓިވް ވި ފަހުން ރައީސް ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސްގެ މިއަދުގެ ވާހަކަފުޅުގައި މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ ކަންކަމާއި އިގްތިސާދަށް ދިމާވަމުން އަންނަ ހަލާތްތަކުން އަރައިގަތުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޫގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.

ރައީސް ސޯލިހު ގައުމާ މިއަދު މުހާތަބު ކުރައްވަން ހަމަޖެހިފައި ވާއިރު މިފަދަ ބަލިމަޑު ކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެމަނިކުފާނު ރައްޔިތުންނަށް ނުފެންނާތީ އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.