އަތޮޅުތެރޭގެ ރަށްރަށުގެ ހެލްތެ ސެންޓަރު ތަކުގައި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރެވެން ނުހުންނަ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހުގައި ހާލުދެރަވާ މީހުން ދަރުމަވަންތަ ހޮސްޕިޓަލުގަ އައިސިޔޫ ފުރުމުން އައިޖީއެމްއެޗަށް ބަދަލު ކުރުމަކީ ހައްލެއް ނޫން ކަމަަށާއި އޮތޮޅު ތަކުގެ ރަށްރަށުގައިވެސް އެ ހިދުމަތް ގާއިމްކުރުން މުހިނަމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ޕޮޒިޓިވް ވި ބިދޭސީއަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކުގެ ހާލު ގާތުން މޮނިޓާ ކުރަން ޖެހޭތީ ފަރުކޮޅުފުށީގައި ކަރަނަޓީން ކޮށްފައި ތިބި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ދެމަފިރިން ބަދަލު ކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީއަށް ކަމަށާއި ޑީއެޗް11 ފެސިލިޓީ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ގާތުން މޮނިޓާ ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފެސިލިޓީއެއް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުން ކަމަށާއި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުން ކަމަށާއި އެއް ތަނުން އަނެއް ތަނަށް ގެންދާނީވެސް އާންމުންނަށް ބައެއް ސްޓާފުންނަށް ނުވަދެވޭނެ ގޮތަށް ކަމަށް ޑރ މުއާޒް މޫސާ ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ރާއްޖެ ޔެލޯ އެލާޓް ލެވެލްގައި އޮތް އިރު، އޮރެންޖް އެލާޓް ލެވެލްގައި އޮތީ ހަމައެކަނި ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.