މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ޑރ މަހާތީރު މުޙައްމަދު އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް އާ ބޭފުޅަކު އިސްކުރައްވާފައިވަނީ ރަސްކަމުގެ ކޮއިލުން ކުރި ބަގާވާތެއްގެ ތެރެއިން ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް، އެގައުމުގެ ޝާހީ ގަނޑުވަރުން ދޮގުކޮށްފިއެވެ.

މެލޭޝިއާއަށް އާ ބޮޑުވަޒީރަކު އައްޔަންކުރެއްވީ "ޝާހީ ބަގާވާތަކުން" ކަމަށް ބުނެ ފެތުރެމުންދާ އަޑުތައް ދޮގުކޮށް، ޝާހީ އާއިލާއިން ބުނީ، ބޮޑުވަޒީރު ކަމުގެ މާގަމަށް އާ ބޭފުޅަކު ހަމަޖައްސަވާފައި ވަނީ، އެގައުމުގެ ގާނޫނު އަސާސީއިން ރަސްގެފާނަށް ލިބިވަޑައިގަންނަވާ ހާއްސަ އިމްތިޔާޒާ ބާރުގެ ތެރެއިން ކަމަށެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް މުހްޔިއްދީން ޔާސީން ހަމަޖައްސެއްވުމަށް އެގައުމުގެ ރަސްގެފާނު ސުލްތޯން ޢަބްދުﷲ ސުލްތޯން އަހުމަދު ޝާހް ނިންމެވުމަކީ، ޑިމޮކްރަޓިކް އިންތިހާބެއްގެ ނިންމުން ބަދަލުކޮށްލުން ކަމަށް ބުނެ މީޑިއާގައިވެސް ވަނީ އަޑުތައް ފެތުރިފައެވެ.

މިދިޔަ އާދީއްތަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވި މުހްޔިއްދީންގެ ސަރުކާރަކީ، 2018 ވަނަ އަހަރުގެ އިންތިހާބުގައި އާންމުންގެ ވޯޓުން ބަލިކޮށްފައިވާ، ކޮރަޕްޝަންގެ ކިލަނބު ސިއްކަ ޖެހިފައި އޮތް ޕާޓީއަކާއެކު ހަދާފައިވާ ކޯލިޝަން ސަރުކާރެއް ކަމަށް، މެލޭޝިއާގެ އަދުގެ ސަރުކާރަށް ފާޑުކިއާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ބުނީ ރަސްގެފާނުގެ ނިންމެވުމަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ، ސިޔާސީ ޕާޓިތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އެ މަޝްވަރާތަކުން، މުހްޔިއްދީންއަކީ މަޖިލިސް އަގުލަބިއްޔަތު އެންމެ ބޮޑު ކެންޑިޑޭޓު ކަމަށެވެ. މިއީ އެއްވެސް ގޮތަކުން ބަލާއިރު "ޝާހީ ބަގާވާތެއް" ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށްވެސް ޝާހީ ގަނޑުވަރުން ބުނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރަސްކަމުގެ ކޮއިލުން އިސްކުރައްވާފައިވާ މުހްޔިއްދީންގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޖިލިސް އިއުލާންކުރައްވާނީ އަންނަ ހަފުތާގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ.