މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާ، އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށް އިސްލާމިކް ބޭންކަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ހިފެއްހެއްޓުމާ ބެހޭ ކޯޓު އަމުރުގެ ކޮޕީއެއް ވަނީ 'ދަ ޕްރެސް' އަށް ލިބިފައެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒު ރަޝާދު ސޮއިކޮށް، އެ އަމުރު ނެރެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަމުރުގައިވަނީ މާޗު 4، 2020 ބަނަ ދުވަހުން ފެށިގެން ޖޫން 1، 2020 ވަނަ ދުވަހާ ހަމައަށް ފައިސާގެ މުއާމަލާތް ކުރުން ހުއްޓުވައި ދިނުމަށެވެ.

އެ އަމުރުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮސްފައިވާ ޖުމްލަ 3 މިލިއަން ޑޮލަރުގެ ތެރެއިން 1 މިލިއަން ޑޮލަރަކީ މަނީ ލޯންޑާ ކޮށްގެން ހޯދާފައިވާ ފައިސާކަން ކްރިމިނަލް ކޯޓަށް ސާބިތު ވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1 މިލިއަން ވ. އަތޮޅުގެ އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ނަގައިގެން ލޯންޑާ ކޮށްފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވެއެވެ.

އެ އެކައުންޓުގައިވާ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރަކީ ރ. އަތޮޅުގެ ފުށްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ނަގައިގެން ލޯންޑާ ކޮށްފައިވާ ފައިސާ ކަމަށްް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މި އަމުރަށް އެދިފައި ވަނީ ރައީސް ޔާމީންގެ އެކައުންޓުގައި ބާކީ ހުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއާ އެއްކޮށް މަނީ ލޯންޑާ ކުރުމަށްޓަކައި ޝާމިލުކޮށްފައިވާ ފައިސާއާ އެކުވެފައިވާ ފައިސާ ކަމަށްވާތީ ކަމަށް ބުނެއެވެ. އަދި މި އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރަކީ މަނީ ލޯންޑާ ކޮށްފައިވާ ފައިސާކަން ކޯޓަށް ސާބިތުވެފައި ވާއިރު، 2.1 މިލިއަން ޑޮލަރުގެ މައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އެ އަމުރުގައި ވެއެވެ.

މި އަމުރު ނެރުމަށް ފުލުހުންގެ ފަރާތުން އެދިފައި ވަނީ، ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ ފައިސާ ނުހިފަހައްޓައިފި ނަމަ، އެ ފައިސާއިން މާލީ މަންފާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެއެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހާ ފައިސާ ކަމުން، އެ ފައިސާ ގެއްލިގެން ހިނގާދާނެތީ ކަމަށް ވެސް އަމުރުގައިވެއެވެ.

ރައީސް ޔާމީނަކީ މިހާރުވެސް މަނީލޯންޑާގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.