މީގެ 6 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއާ އެއާލައިންސް ފްލައިޓް އެމްއެޗް 370 ހޯދުމަށް އަލުން މަސައްކަތް ފަށައިދިނުމަށް، އެ ފްލައިޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ގޮވާލައިފިއެވެ.

239 މީހުންނާއެކު މެލޭޝިއާއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދަނިކޮށް 2014 ވަނަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު އެމްއެޗް370 ގެއްލުނު ފަހުން އަދާ ޖެހުނުއިރުވެސް އެ ބޯޓު ވީ ތަނެއް ހޯދިފައެއް ނުވެއެވެ. ފެންނަން އޮންނަނީ ބޯޓުގެ ބައެއް ކަމަށް ބުނާ އެތިކޮޅެކެވެ. އެވެސް ޔަގީންކޮށް، ކަށަވަރެއް ނުވެއެވެ.

މެލޭޝިއާގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ބައިވެރިވި މީހުން ބުނަމުންދިޔައީ 6 އަހަރު ދުވަސްވީއިރުވެސް ހިތުގައި އަޅަމުންދާ ވޭނަށް ލުޔެއް ނުލިބޭ ކަމަށާ، ގެއްލިދިޔަ މީހުންގެ ސަބަބުން ދިރިއުޅުމަށް ލިބުނު ނިކަމެތިކަމާ އުނިކަން ފޫ ނުބެދޭ ކަމަށެވެ.

އެމްއެޗް370 ހޯދުމަށް ތަކުރާރުކޮށް އެކި ފަރާތްތަކުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ރަސްމީކޮށް ހުއްޓާލީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މިއާއެކު އެމްއެޗް370 ގެއްލުނު ހާދިސާ ވެފައިވަނީ، ދުނިޔޭގެ ވައިގެ އުދުހުންތަކުގެ ތާރީހު ދުށް އެންމެ އާދަޔާ ހިލާފު ހާދިސާއަށެވެ.

ކަންމިހެން އޮތްއިރު މެލޭޝިއާގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިންވަނީ އެމްއެޗް370 ހޯދުމުގެ އޮޕަރޭޝަން އަލުން ފެށުމަށް ބާރުދޭ ވަރުގެ ސާބިތު އެއްވެސް ހެއްކެއް އަދި ލިބިފައި ނެތް ކަމަށް ބުނެފައެވެ.

މިހާދިސަގައި ބޯޓުން ދަތުރުކުރި އެއްވެސް މިހެއްގެ، ކުޑަނަމަވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.