މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން އެއްވެސް ގޮތަކަށް ބޭނުން ނުކޮށް ހުރި ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓައް އުވާލުމަށް އެ ބޭންކުން ނިންމާ އެ ކައުންޓުތަކުގެ މައުލޫމާތުތައް އާއްމުކޮށްފިއެވެ.

އެމްއައިބީން ބުނީ ބޭނުން ނުކުރާ 235 އެކައުންޓެއް އެ ބޭންކުގައި އެބަހުރި ކަމަށެވެ. އަދި ރާއްޖޭގެ ބޭންކިން ގަވާއިދު ބުނާ ގޮތުގައި ވިދިވިދިގެން ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އެކައުންޓުތައް އެއީ ޑޯމެންޓު އެކައުންޓުތަކެއްގެ [ބޭނުން ނުކުރާ އެކައުންޓު] ގޮތުގައި ބެލެވޭނެއެވެ. ބޭންކިން ގާނޫނު ބުނާ ގޮތުގައި އެއީ އެ އެކައުންޓުން މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައިވެސް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ އެކައުންޓަކެވެ.

ޑޯމަންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށް އެމްއައިބީން ބުނެއެވެ. އެ ކަސްޓަމަރުންގެ ފަރާތުން 60 ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެނަމަ އެކައުންޓުތަކުގައިވާ ފައިސާ އެމްއެމްއޭއާ އާ ހަވާލު ކުރާނެކަމަށްވެސް އެމްއައިބީ އިން ބުންޏެވެ.

އެކައުންޓް އެކްޓިވޭޓު ކުރަން ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދޭ ފޯމު ފުރުމަށް ފަހު، އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އަދި ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށް ފަހު، އެ ބޭންކުގެ ބްރާންޗަކަށް ހުށަހެޅުމުން އެ ފައިސާ ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.