ސައުދީ ވިސާ ކެންސަލް ކުރިކަން ޓްރެވަލް އެޖެންސީތަކަށް އަންގައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، އަދި، މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ކެންސަލްކުރެވިފައިވާ ކަމަށާއި ސައުދީ އަރަބިއްޔާގެ ސަރުކާރުގެ މި ނިންމުން، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީތާކާ ހިއްސާކޮށްފައި ކަމަށެވެ.

ބައިނަލްއަގަވާމީ ސިއްހީ ކުއްލި ހާލަތެއް ދިމާވެފައިވާ މި ދަނޑިވަޅުގައި، ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބުކަމަށާއި ސައުދީ އުރަބިއްޔާއިން އަޅުއްވާފައިވާ ފިޔަވަޅު ދިވެހި ސަރުކާރުންވަނީ ބަލައިގެންފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.ސައުދީގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިހްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އެ މިނިސްޓްރީން އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށާއި މިފަދަ ނިންމެވުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާއްވަވާފައިވާ ކުންފުނިތަކާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން އެ މިނިސްޓްރީން ގަބޫލުކުރާ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިކަމަކީ ދިވެހި ސަރުކާރާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމުން، މިކަމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް އަމަލުކުރެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓާސްކް ފޯސް އެއް އެކުލަވާ ލައްވާ، ސަރުކާރުން ވަރަށް ގާތުން މިކަން ބައްލަވަމުން ގެންދާތީ، އެ ފަރާތްތަކުގެ ލަފަޔާ އިރުޝާދާއެކު، އުމްރާވެރިންނާ، ޢުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންވީގޮތް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން 27 ފެބުރުވަރީ 2020 ވީ ބުރާސްފަތި ދުވަހުން ފެށިގެން ބޭރު ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް އުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.