ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އެގައުމުގެ ސިޔާސީ ޝަހްސު މުޙްޔިއްދީން ޔާސީން ހަމަޖައްސަވައިފިއެވެ.

ޑރ މަހާތީރު މުޙައްމަދުގެ އިސްތިއުފާއާއިއެކު ހުސްވެފައިވާ ބޮޑުވަޒީރު ކަމުގެ މަގާމަށް ޔާސީން ހަމަޖައްސަވާފައިވަނީ ސީދާ މެލޭޝިއާގެ ރަސްގެފާނު ސުލްތޯން ޢަބްދުﷲ ސުލްތޯން އަހުމަދު ޝަހުއެވެ.

ރަސްކަމުގެ ކޮއިލުން އާންމުކޮށްފައިވާ ބަޔާން ބުނާ ގޮތުގައި ބޮޑު ވަޒީރު ކަމަށް ވާދަކުރައްވަން ތިއްބެވި ލީޑަރުންގެ ތެރެއިން އެންމެ ސަޕޯޓު ބޮޑު ކެންޑިޑޭޓަކީވެސް ކުރިން ދާހިލީ ވަޒީރު ކަން ކުރައްވާ، ބެރްސާތޫ ޕާޓީގެ ރައީސް ކަމުގެ މަގާމުގައިވެސް ހިދުމަތް ކުރައްވާފައިވާ ޔާސީންއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ، ޔާސީން ކުރައްވާނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށާ، ގައުމަށް ބޮޑުވަޒީރަކު އިންތިހާއަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ބޮޑުވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް އިތުރަށް ފަސްކުރެވެން ނެތް ކަމަށްވެސް ރަސްގެފާނުގެ ގަނޑުވަރުން އާންމުކުރެއްވި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ޔާސީން އައްޔަންކުރެއްވުމަކީ ނިންމެވުނު އެންމެ ފުރިހަމަ ނިންމެވުން ކަމަށް މެލޭޝިއާގެ ރަސްގެފާނު ވިދާޅުވިކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޔާސީން ހަމަޖައްސަވާ، ރަސްކަމުގެ ކޮއިލުން އެކަން އިއުލާންކުރައްވާފައި މިވަނީ، މެލޭޝިއާގެ ސިޔާސީ ޝަހްސު އަދި އިންތިހާބުގައި ކޯލިޝަން ހެއްދެވި އަންވަރު އިބްރާހީމްއާއިއެކު އަލުން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޑރ މަހާތީރު އިއުލާންކުރެއްވިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

އަންވަރު ނުހިމަނާ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމުގެ ތުހުމަތުތަކެއް ޑރ މަހާތީރުގެ ފެކްޝަނަށް އަމާޒުވުމާއެކު ހަލަބޮލިވެގެންދިޔަ ސިޔާސީ މަސްރަހުގެ ތެރެއިން ޑރ މަހާތީރު ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ހުސްވި ހަފުތާގެ ތެރޭގައެވެ. އަދި ބޮޑުވަޒީރު ކަމުގައި ވަގުތީ ގޮތުން ހުންނެވީ ރަސްގެދާނުގެ އެދިވަޑައިގެންނެވުމަކާ އެކުގައެވެ. އޭރުވެސް ރަސްގެފާނު ގެންދެވީ ބޮޑުވަޒީރު ކަމަށް ގެންނަން ފެންނަ ލީޑަރަކާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިޅުހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވަމުންނެވެ. އެހެންކަމުން ބޮޑުވަޒީރު ކަމުގެ މަގާމަށް ރަސްގެފާނު މިހާރު އައްޔަން ކުރައްވާފައިވާ ޔާސީންއަކީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުވެސް ހޯއްދަވާފައިވާ ކެންޑިޑޭޓެއް ކަމަށް ލަފާކުރެވެއެވެ.

މެލޭޝިއާގެ އާންމު ރައްޔިތުންވެސް މިހާރު ދަނީ ރަސްގެފާނުގެ ނިންމެވުމަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.