ރޭގެ ޖަލްސާއިން ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިހުލާސްތެރި މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކައަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއިން ފެނިގެން ދިޔައީ ރައްޔިތުން ތިން ކަމަކަށް ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. އެގޮތުން އާއްމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ނަޝީދުގެ ސިޔާސަތުތަކަށްވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޖަމީލްގެ އެ ޓްވީޓަށް ރައްދު ދެއްވާ އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރޭގެ ޖަލްސާއިން ސާފުވީ ޖަމީލް ވިދާޅުވި ކަންތައްތަކެއް ނޫން ކަމަށާއި ސާފުވީ މުޅިން އެހެން ތިން ކަމެއް ކަމަށެވެ. އެގޮތުން އިންތި ވިދާޅުވީ ރޭގެ ޕީޕީއެމްއިން ބެއްވި ޖަލްސާއިން ފެނުނީ "ވަގު" އޮތީ ޖަލުގައި ކަމަށެވެ. ރޭގެ ޖަލްސާއިން ފެނުނު ދެވަނަ ކަމަކީ އެއްވެސް ހުރަހެއް ނެތި އެއްވުންތައް މިހާރު ބޭއްވޭ ކަމަށާއި އަދި "ޖެހިވަޅަށް" ޖަހައިގެން ޖަމީލް ހުންނެވިކަން ކަމަށް އިންތިގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިންތި މިފަދައިން ޖަމީލަށް ރައްދު ދެއްވިއިރު މި މަހުގެ 20ވަނަ ދުވަހު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވެސް ވަނީ އެޕާޓީގެ ކެމްޕެއިން ޖަލްސާ ބާއްވާފައެވެ. ނަމަވެސް އެ ޖަލްސާއަށް ލިބިގެން ދިޔަ ފިނި ތަރުހީބަކީ މިއިން ދުވަހަކުވެސް އެމްޑީޕީގެ ޖަލްސާއަކަށް ލިބިގެން ނުދާވަރުގެ ފިނި ތަރުހީބެކެވެ. އެކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަބަޔަކު އެމްޑީޕިއަށް ދިޔައީ ފާޑު ކިޔަމުންނެވެ.