ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރީ އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރީ އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގުކުރެވި ޝަރީއަތް ހިންގިފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިގެ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންވެސް އެމަނިކުފާނާއި މިއަދު ސުވާލު ކުރެވިގެން ދިޔަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކުރެވުނު ކަންކަމުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ) ރުފިޔާ ހޯދުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނޭ ކަމަށެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޔޫއެސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ވެސް ރައީސް ޔާމީނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މިއަދު މެންދުރުފަހުއެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާގައި ތިން ގަޑިއިރެއްހާއިރު ހޭދަ ކުރެއްވިއެވެ. ފުލުހުން ހާޒިރު ކުރި ބޭނުން ނިމުމުން އެނބުރި މާފުށި ޖަލަށް ރައީސް ޔާމީން ގެންދިޔައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން ހާޒިރު ކުރީ ފުލުހުން އާ ތަހުގީގެއް ކުރާތީ ނޫން ކަމަށެވެ. އަދި ފުލުހުން ރައީސް ޔާމީން ހާޒިރު ކުރީ އެމަނިކުފާނަށް ދައުވާ ކުރެވި ހުކުމް ކޮށްފައިވާ އަދި މިހާރު އިސްތިއުނާފުގެ މަރުހަލާގައިވާ މައްސަލައިގެ ހަވާސާގެ ތެރެއިން ކަންކަމާ ގުޅޭ ސުވާލުތަކެއް ކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ހާޒިރު ކުރީ އެމްއެމްޕީއާރްސީގެ މައްސަލަ "އޮއްބާލުމަށް" ކަމަށެވެ. އަދި އެކަމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކާ އެކު ޑީލުތަކެއް ސަރުކާރުން ހަދާފައިވާ ކަމުގެ ތުހުމަތު ޑރ. ޖަމީލް ކުރެއްވިއެވެ. މީގެއިތުރުން އެފައިސާ ލިބިގެން ދިޔަ އެހެން ފަރާތްތަކުގެ މައްސަލަ ކުރިޔަށް ނުދާތީ ޑރ. ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ފުލުހުންގެ އިދާރާއަށް މައްސަލަތަކުގައި ވަޑައިގަންނަވާ ގާނޫނީ ވަކީލުންވެސް މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.