ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ހައްޖު އަދި އުމްރާ އަށް މީހުން ގެންދާ ކުންފުނިތަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސައުދީ އަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީ ގޮތުން ސައުދިީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިއުލާންކޮށްފައިވާތީ އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ މެދުއިރުމައްޗާ އުތުރު އެފްރިކާ ސަރަހައްދަށް އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ސައުދީއިން ވަނީ ވައިރަސް ފެތުރިފައިވާ ގައުމުތަކުން އަންނަ ފަރާތްތަކަށް ޓޫރިސްޓް ވިސާ ނުދިނުމަށްވެސް ނިންމާފައެވެ.

ސައުދީގެ ހާރިޖީ ވުޒާރާއާއި ހަވާލާދީ އަރަބި މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިސާ ދޫކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވަނީ މަދީނާގައި ހުންނަ މަސްޖިދު އަލް-ނަބަވީއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތަކަށެވެ.

ސައުދީން އެގޮތަށް ނިންމާފައި ވާތީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އަންނަ މަހުގެ އުމްރާ ދަތުރުތައް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު ރާއްޖޭން ވަނީ، އުމްރާގެ އަޅުކަމަށް އެއް ގްރޫޕް ފުރާފަ އެވެ. އެއީ ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އުމްރާއަށް ދާ 49 މީހުނެވެ. އެ އެންމެންނަށް ވިސާ ލިބިފައިވާއިރު ފުރުމަށް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގާފަ އެވެ. އެ ގުރޫޕްގެ ފަރާތުން އެޑްވާންސް ޓީމެއް ވެސް ވަނީ ސައުދީއަށް މިހާރު ގޮސްފަ އެވެ.