މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ނިމިއްޖެއެވެ.
ޖޭއެސްސީން ބުނީ މިމަހުގެ 19 އިން 20 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މަހާސިންތާގައި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައި ވާ ކަމަށެވެ.
އެގޮތުން އިއްޔެގެ ސެޝަންގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ ހެކިބަސް ނެގުމުގައި ކްރިމިނަލް ކޯޓަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމަކީ އަވަހަށް އިންސާފު ގާއިމުކޮށްދޭ، ހަރަދު ކުޑަ ނިޒާމަކަށް ހެދުމަށް މެދުކެނޑުމެއް ނެތި ޝަރީއަތް ހިންގުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ކުޑަކުދިންނާ ދެކޮޅަށް ކުރާ ކުށްތަކުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބަލާލާ އާކް އަދި ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ޕޭޕަރެއް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދުގެ ސެޝަންގައި ކުރިއަށްދިޔައީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށްވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ކަރުދާސް ހުށަލަޅާފައި ވަނީ ޖުވެނައިލް ކޯޓުގެ ފަރާތުންނެވެ. އަދި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ދައުރާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އެ ކޮންފަރެސްގައި މާލޭ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ފެމިލީ ލީގަލް ކްލިނިކް، އާރކް އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން ސެޝަންތަކުގައި ބައިވެރިވެވަޑައިގެން ޕޭޕަރު ހުށަހަޅާ ދެއްވައި މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ފަނޑިޔާރުންގެ މަހާސިންތާ އަކީ ކޮންމެ އަހަރަކުވެސް ގަލޯއީ އަހަރު ފެށުމުގެ ރަސްމިއްޔާތައްފަހު ކުރިއަށްގެންދާ މަހާސިންތާއެކެވެ. މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ މިމަހުގެ 18 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުނު ގަލޯއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.